ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކު ފަންޑުގެ އެހީގައި ތ. ވޭމަންޑޫ ސްކޫލުގައި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ދަރިވަރުންނަށް ޚާއްސަކޮށްގެން ސެންސަރީ އަދި ވޮކޭޝަނަލް ކުލާސްރޫމެއް ތަރައްޤީކޮށް ހުޅުވައިފިއެވެ. މިއީ މިދިޔަ އަހަރު ބޭންކު ފަންޑުގެ ދަށުން އެހީ ލިބުނު ވޭމަންޑޫ ޒުވާނުންގެ ގުޅުމުން ހިންގި މަޝްރޫއެކެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދިނުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް އަބަދުވެސް ޚާއްސަ އަހުމިއްޔަތުކަމެއް ދޭ ބޭންކެކެވެ. އެގޮތުން ބީއެމްއެލްގެ ބޭންކު ފަންޑުގެ އެހީގައި ތ. ވޭމަންޑޫ ސްކޫލުގައި ތަރައްގީކޮށްފައިވާ މި ސެން ކްލާސްރޫމަކީ، އެ ކުދިންގެ ގާބިލުކަން އިތުރުކުރުމާއި، އެހެން މީހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެ ކުދިންގެ ތައުލީމީ ބޭނުންތަކަށް ބަލައިގެން ތަރައްގީކުރެވިފައިވާ ކުލާހެކެވެ.
ވޭމަންޑޫ ސްކޫލާއި ހަވާލާދީ ބީއެމްއެލުން ވިދާޅުވެފައިވަނީ، މި ކްލާހުގެ އަމާޒަކީ ކެއްކުމާއި ފެހުން ފަދަ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށްޓަކައި ކްލާސްރޫމުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުން ކަމަށެވެ.
ވޭމަންޑޫ ސްކޫލުގައި ތަރައްޤީކޮށްފައިވާ ސެން ކުލާހާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެރަށުގެ ޒުވާނުންގެ ގުޅުމުގެ ރައީސް އަޙްމަދު ޝައުގަތު ބުނީ، މި މަޝްރޫއުގެ މައިގަނޑު މަޤްސަދަކީ އުނގެނުމުގައި ހާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްޞަކުރެވޭ ކުލާހަކުން ތަފާތު ހަރަކާތްތައް ހިންގޭނެ ގޮތެއް ފަހިކޮށްދިނުން ކަމަށެވެ. އަދި މިމަސައްކަތް ކުރުމަށް އެހީތެރިވި ފަރާތްތަކަށް ޝައުގަތު ޝުކުރުއަދާކުރެއްވިއެވެ.
ޝައުގަތު ވިދާޅުވީ، “މިފުރުސަތުގައި ބީއެމްއެލަށް ހިތުގެ ފުންމިނުން އަޅުގަނޑާއި ވޭމަންޑޫގެ ރައްޔިތުންގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. އަދި މިޖަމިއްޔާގެ މެންބަރުންނަށާއި އެކި ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީވެދެއްވި އެންމެހާ ފަރާތްތަކަށާއި މިޕްރޮޖެކްޓް މަސައްކަތްތައް މިހާފުރިހަމަޔަށް އަދި މިހާ އަވަހަށް ނިންމަވާދެއްވީތީވެ ކޮންޓްރެކްޓަރަށްވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން.”
މި އަހަރުގެ މިހާތަނަށް ބީއެމްއެލުން ދެ ސްކޫލެއްގައި ސެން ކްލާސްތައް ތަރައްގީކޮށްފައިވެއެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ ޞަލާޙުއްދީން ސްކޫލާއި، މާލޭ ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމްތައް ތަރައްގީކޮށްފައިވެއެވެ. މި ދެ މަޝްރޫއިން 200 އަށްވުރެ ގިނަ ދަރިވަރުންގެ އުނގެނުމުގެ މާހައުލު ތަރައްގީކޮށް، ވަސީލަތްތައް ފަހިކޮށްދޭފައިވާ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ބީއެމްއެލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮމްޕިއުޓަރ ލެބްތައް ތަރައްގީކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެ ބޭންކުން ވިދާޅުވެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވީ ހިލޭސާބަހަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ތައުލީމީ ދާއިރާއަށް ހާއްސަ އިސްކަމެއް އެ ބޭންކުން ދޭކަމަށެވެ. އަދި ކުޅިވަރާއި ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓްތަކަށްވެސް އިންވެސްޓްކުރަމުން ގެންދެއެވެ. މިފަދަ މަސައްކަތްތަކަކީ މުޖުތަމައުގެ ތަރައްގީއަށް ކޮންމެހެން ބޭނުންވާ ކަންކަމުގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

