ރަށްރަށުގައި ތިބެގެން މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު އިތުރު ފަސް ސްކޫލަކަށް ހުޅުވާލައިފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދު، ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، “އެކަށީގެންވާ އަދަދެއްގެ ދަރިވަރުން ސްކޫލްތަކުގައި ގްރޭޑް 10 ނިންމައި، އަދި އޭގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން ވަރަށް ރަނގަޅު ނަތީޖާ ހޯދި ސްކޫލްތަކަށް” މި ފުރުސަތު ދެވިފައިވާ ކަމަށެވެ. އަދި ޖާގަ އޮތް މިންވަރަކުން، ދަރިވަރުންގެ ނަތީޖާތަކަށް ބެލުމަށްފަހު، ވީހާވެސް ގިނަ ކުދިންނަށް ފުރުސަތުތައް ފަހިކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަނގަޅު ނަތީޖާ ހޯދާފައިވާ ދަރިވަރުން އެ ރަށެއްގައި ތިބެގެން މަތީ ސާނަވީއަށް ކިޔެވުމަށް ބޭނުންވާނަމަ، މިހާރު ކަނޑައެޅިފައިވާ ވަކި މިންގަނޑުތަކެއްގެ ދަށުން އޭ ލެވެލް ފެށުމުގެ ފުރުސަތު އިތުރު ސްކޫލްތަކަށް ދެވޭނެއެވެ.
ސަރުކާރުގެ މެނިފެސްޓޯ އަދި ރައީސްގެ ވަޢުދުފުޅުތަކާއި އެއްގޮތަށް، އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މަތީ ސާނަވީ ތަޢުލީމު އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި މީގެ އިތުރުން، 4 މާއްދާއިން ފާސްވި ކުދިންނަށްވެސް، އެ ކުދިން ކިޔަވަން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު ހުޅުވާލައި، މަތީ ސާނަވީއަށް ކުދިން ވެއްދުމުގެ ކްރައިޓީރިއާއަށް ސަރުކާރުން ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.

