ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ދާއިރާއެއްގައި ޤައުމީ ސްޓްރެޓެޖީތައް ނުވަތަ އިސްތިރާޖުތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ކުރިއެރުވުން ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. މިފަދައިން އެމަނިކުފާނު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ރައްކާތެރިކުރުމާ ބެހޭ މުއާހަދާގެ ރިވިއުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާގެ އޮފީހުގައި ބޭއްވުނު މި ރިވިއުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު ފާހަގަކުރެއްވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތަކަކީ އިންސާނީ ކަރާމަތާ ގުޅިލާމެހިފައިވާ ޙައްގުތަކެކެވެ. އަދި މިއީ ހަމަހަމަ ފުރުސަތުތަކާއި ފުރިހަމަ ބައިވެރިވުމަށް ހުރަސްއަޅާ ކޮންމެ ހުރަހެއް ނައްތާލުމަށް ބާރުއަޅާ ޙައްގުތަކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން މި މުއާހަދާގައި ބައިވެރިވެފައިވަނީ 2010 ވަނަ އަހަރުގެ އޭޕްރިލް 5 ވަނަ ދުވަހުއެވެ. އެ މުއާހަދާގެ ދަށުން 2018 ވަނަ އަހަރު ރާއްޖެއިން ވަނީ އދ.ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީއަށް އިނީޝަލް ރިޕޯޓު ހުށަހަޅާފައެވެ. މި ރިޕޯޓުގައި 2010 އިން 2018 އަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނިފައިވެއެވެ.
ބަންޑާރަނައިބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ސިޔާސަތުތައް އެކުލަވާލުމުގައި މިހާރު ގެންގުޅޭ އުސޫލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތައް ވަކިވަކިން އެކަހެރިކޮށް ހައްލުކުރުމުގެ ބަދަލުގައި ހުރިހާ ދާއިރާއަކުން ޤައުމީ ފެންވަރުގައި އެކުލަވާލާ މައިގަނޑު އިސްތިރާޖުތަކުގައި އެފަރާތްތަކުގެ ޙައްގުތައް ކުރިއެރުވުމަށް ވަށައިޖެހޭ ހައްލުތަކެއް ހިމެނުމެވެ.
މި ރިވިއުގައި ރާއްޖޭގެ ވަފުދުގައި ބަންޑާރަނައިބުގެ އޮފީހުގެ އިތުރުން ޚާރިޖީ ވުޒާރާ، ސިއްޙީ ވުޒާރާ، ތަޢުލީމީ ވުޒާރާ އަދި އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ކަމާގުޅުން ހުރި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ކޮމިޓީގެ ކޮންކްލޫޑިން އޮބްޒަވޭޝަންތަކާއި ރެކޮމަންޑޭޝަންތައް ހޯމަ ދުވަހު އެޑޮޕްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

