ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ 22 ވަނަ ޗައިނާ އިންޓަނޭޝަނަލް އެގްރިކަލްޗަރަލް ޓްރޭޑް ފެއާގައި ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުސަތު އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އަންނަ އޮކްޓޯބަރު މަހުގެ 17 އިން 19 އަށް ޗައިނާގެ ޓިއަންޖިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެއާގައި ބައިވެރިވުމުގެ ފުރުސަތު ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ހުޅުވާލުމާ ގުޅިގެން، ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ މާކެޓަކަށް ނުކުތުމުގެ މުހިންމު ފުރުސަތެއް މިވަނީ ލިބިފައެވެ.
އިގްތިސާދީ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި މިއީ ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މަހުގެ އުފެއްދުންތައް އިޝްތިހާރުކޮށް، ބައިނަލްއަގުވާމީ މާކެޓްގައި ވިއްކުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށާއި، ރާއްޖޭގެ ދަނޑުވެރިންނާއި މަސްވެރިންގެ އުފެއްދުންތަކަށް ބައިނަލްއަގުވާމީ ފެންވަރުގެ ޕްލެޓްފޯމެއްގައި ފައިދާކުރަނިވި ގޮތެއްގައި ދައްކާލެވޭނެއެވެ.
ޗައިނާގެ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް ރޫރަލް އެފެއާޒުން ވަނީ އެ ފެއާގައި ބައިވެރިވާ ދިވެހި ވިޔަފާރިތަކަށް ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ނިންމާފައެވެ. އެގޮތުން، އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރައްވާ 8 ވިޔަފާރިއަކަށް ބޫތު ފީ އާއި ބޫތުގެ ކޮންސްޓްރަކްޝަން ހަރަދުތައް ހިލޭ ފޯރުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ފެއާގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓު 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން international@trade.gov.mv އަށް އެޕްލިކޭޝަން ފޯމު ފޮނުވަންޖެހޭނެ ކަމަށް އިގްތިސާދީ ވުޒާރާއިން ވަނީ އަންގަވާފައެވެ.
ޗައިނާ އިންޓަނޭޝަނަލް އެގްރިކަލްޗަރަލް ޓްރޭޑް ފެއާ އަކީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން، އިމްޕޯޓާއި ހޯލްސޭލްގެ ދާއިރާގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބާއްވާ ބައިނަލްއަގުވާމީ މުހިންމު ފެއާއެކެވެ. މި ފެއާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވިޔަފާރިތައް ބައިވެރިވެ، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށާއި އައު ފުރުސަތުތައް ހޯދުމަށް އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

