ތައިލޭންޑްގައި ބޭއްވި ތައި އެމެޗުއާ އެސޯސިއޭޝަން އޮފް ޕަވަރލިފްޓިންސް ނޭޝަނަލް ކޮލިފިކޭޝަން 2 ގައި ބައިވެރިވި ރާއްޖޭގެ 6 އެތުލީޓުން ވަނީ އެ ޤައުމުގެ އެންމެ މޮޅެތި ބައިވެރިންނާ ވާދަކޮށް 4 ރަން މެޑަލާއި 2 ރިހި މެޑަލް ހޯދައިފައެވެ.
މި މުބާރާތުގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދީ ރާއްޖޭގެ އާދަމް މިބްސާމް ސަލީމެވެ. އޭނާ ވަނީ 66 ކިލޯގެ ޖޫނިއާ ކެޓަގަރީން ވާދަކޮށް، 202.5 ކިލޯގެ ސްކުއަޓާއި 115 ކިލޯގެ ބެންޗްޕްރެސްއާއެކު ޖުމްލަ 260.5 ކިލޯ އުފުލައި، ތައިލޭންޑްގެ ޖޫނިއާ ނެޝަނަލް ރެކޯޑު މުގުރާލައި، ރަން މެޑަލް ހޯދުމުގެ އިތުރުން މުޅި މުބާރާތުން ދެވަނަ ހޯދައިފައެވެ.
ފިރިހެނުންގެ 59 ކިލޯގެ އޯޕަން ކެޓަގަރީން ރިކްޒު އާދިލް ޖަލީލް ވަނީ ޖުމުލަ 397.5 ކިލޯ އުފުލައި ރަން މެޑަލް ހޯދައިފައެވެ. އަދި 66 ކިލޯގެ އޯޕަން ކެޓަގަރީން އިބްރާހިމް ޠާއިފް އަހުމަދު ވެސް ވަނީ ޖުމުލަ 397.5 ކިލޯ އުފުލައި ރަން މެޑަލް ހާސިލުކޮށްފައެވެ.
އަންހެނުންގެ ބައިން މަރިޔަމް އަފްޒާ ހަސަން ވަނީ 47 ކިލޯގެ އޯޕަން ކެޓަގަރީން ޖުމުލަ 237.5 ކިލޯ އުފުލައި ރަން މެޑަލް ހޯދައިފައެވެ. އަދި 63 ކިލޯގެ އޯޕަން ކެޓަގަރީން ދީނާ އަބޫބަކުރު ވަނީ ޖުމުލަ 292.5 ކިލޯ އުފުލައި ރިހި މެޑަލް ހާސިލުކޮށްފައެވެ.
ފިރިހެނުންގެ 75 ކިލޯގެ އޯޕަން ކެޓަގަރީގައި ވާދަކުރި އިމްކާން އިބްރާހިމް ވަނީ ޖުމުލަ 560 ކިލޯ އުފުލައި ރިހި މެޑަލް ހޯދައިފައެވެ. ވެއިޓް ލިފްޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ބައިނަލްއަޤްވާމީ ކާމިޔާބީއެއް ކަމަށެވެ.

