މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން އިންތިޒާމުކޮށްގެން ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓާ ގުޅިގެން ކުރިއަށްގެންދިޔަ "ހޯމް ޓީމް އެޑްވާންސްޑް ލީޑަރޝިޕް ޕްރޮގްރާމް"ގެ ނިންމުމުގެ ރަސްމިއްޔާތު އިސްކަންދަރު ބިލްޑިންގގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާންއެވެ. ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ އިތުރުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިންނާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުގައި ހިމެނޭ މުއައްސަސާތަކުގެ އިސް ވެރިންގެ ސްޓްރެޓެޖިކް، އޮޕަރޭޝަނަލް އަދި އެތިކަލް ލީޑަރޝިޕްގެ ގާބިލުކަން އިތުރުކުރުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ސިނާރިއޯ ބޭސްޑް އެކްސަސައިޒްތަކާއި، މަސައްކަތާ ގުޅުންހުރި އެސައިންމަންޓްތަކުގެ އިތުރުން، ސްޓްރެޓެޖިކް ލީޑަރޝިޕް، ގަވަރނަންސް، ކްރައިސިސް ރެސްޕޮންސް، ޑިޖިޓަލް ޓްރާންސްފޯމޭޝަން، ޕާފޯމަންސް މެނޭޖްމަންޓް އަދި ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ފަދަ މުހިންމު މައުލޫތައް ހިމަނާފައިވެއެވެ.
އައްޑޫ ސިޓީ ކެމްޕަހުގައި މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދެވުނު މި ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަންގެ 28 މުވައްޒަފުން ބައިވެރިވެ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވެއެވެ.
މި ޕްރޮގްރާމްގެ ސަބަބުން، މިނިސްޓްރީގެ ސްޓްރެޓެޖިކް މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލީޑަރޝިޕް ހުނަރުތައް ތަރައްގީކުރުމާއި، އަހުލާގީ ނިންމުންތައް ނިންމުމާއި، ކާރިސާތަކަށް އިޖާބަދިނުމާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ގެނައުމުގައި ނިންމަންޖެހޭ ނިންމުންތަކާއި، ބަދަލުތަކަށް ހޭނުމާއި، ޓެލެންޓް ޑިވެލޮޕްމަންޓާއި، ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތްކުރުމަށް ސަމާލުކަންދީގެން މަތީ ފެންވަރުގެ ޓީމުތައް އުފެދިގެންދާނެކަމަށް ބެލެވެއެވެ.

