ދ. ކުޑަހުވަދޫ ސަރަޙައްދުގައި، ދ. މާފުށީގެ ހުޅަނގު ދެކުނުން 6 ނޯޓިކަލް މޭލު ބޭރުގައި އައު ވަދު ކަނދުފައްޗެއް ޤާއިމްކޮށްފިއެވެ. މި ވަދު ކަނދުފައްޗަކީ K08V03 ނަންބަރު ކަނދުފައްޗެވެ.
މި ކަނދުފަތި ޤާއިމްކޮށްފައިވަނީ 02°36.000’N އާއި 72°49.000’E ގައެވެ. މި ކަނދުފަތި ޤާއިމްކުރުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.
މި ކަނދުފަތި ޤާއިމްކުރުމުން އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލް މަސްވެރިންނާއި މަސްވެރިކަމުގެ މުނިފޫހިފިލުވުމުގެ ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ވެސް ނުހަނު ބޮޑު ހިތްހަމަޖެހުމަކާއި މަންފާއެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން އިތުރަށް ތަރައްޤީކޮށް، މަސްވެރިންގެ ދިރިއުޅުން ރަނގަޅު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން ވަދު ކަނދުފަތި ޤާއިމްކުރުމަކީ މަސްވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމަށް ފާހަގަކުރެވެއެވެ.

