ޖިނާއީ މައްސަލަތަކެއްގެ ތަހުގީގަށް ފޯނުގެ މައުލޫމާތު ހޯދުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ އެއްގޮތަށް، ފޯނުގެ ލޮކްކޯޑު ޖަހައި ނުދިން ދެ މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޖަލު ހުކުމް ޖޫރިމަނާއަކަށް ބަދަލުކޮށްފިއެވެ.
މި ދެމީހުންގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލާފައިވަނީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށުގައެވެ. މިގޮތުން ޖޫރިމަނާކުރެވުނު އެއް ފަރާތަކީ، ސ. ހިތަދޫ އަންނާރުމާގޭ، އަހްމަދު ނަސީރެވެ. އޭނާގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ 2020 ވަނަ އަހަރުގެ އޯގަސްޓް 23 ވަނަ ދުވަހު ހިނގި ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާގެ ފޯނު ބަލަން ބޭނުންވި އިރު، ފޯނުގެ ލޮކްކޯޑު ޖަހައި ނުދިނުމުންނެވެ.
އަހްމަދު ނަސީރު ފުރަތަމަ ކުށަށް އިންކާރުކުރި ނަމަވެސް، ފަހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހެދުމާ ގުޅިގެން، އޭނާގެ މައްޗަށް ކުރި ތިން މަހާއި 27 ދުވަހުގެ ޖަލު ހުކުމް 23,400 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައިވެއެވެ.
ދެވަނަ މައްސަލައިގައި ޖޫރިމަނާކުރެވުނު ފަރާތަކީ ސ. މީދޫ މުންލައިޓް ވިލާ، މުހައްމަދު އަފްރާހެވެ. އޭނާގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ އެއްލައްކަ ރުފިޔާއަށްވުރެ ގިނަ ފައިސާ ވައްކަންކުރުމުގެ މައްސަލައެއްގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ފޯނު ބަލަން ބޭނުންވި އިރު، ފޯނުގެ ލޮކްކޯޑު ޖަހައި ނުދިނުމުންނެވެ.
މުހައްމަދު އަފްރާހުގެ މައްޗަށް ކުރި ތިން މަހާއި 26 ދުވަހުގެ ޖަލު ހުކުމް 23,200 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައިވެއެވެ. ދެމީހުންވެސް ޖޫރިމަނާގެ ފައިސާ ފަސް މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

