ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިން ކުރެވުނު ތިން އިއުލާން ބާތިލުކުރުމަށްފަހު، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.
ބާތިލުކުރެވުނު އިއުލާންތަކުގެ ތެރޭގައި 15 ޖުލައި 2025 ގައި ކުރެވުނު ނަންބަރު 1/2025/67/ޕީ.އޭ.އޯ-1(އައި.ޔޫ.އެލް) އިއުލާނާއި، 4 އޮގަސްޓު 2025 ގައި ކުރެވުނު ނަންބަރު 1/2025/78/ޕީ.އޭ.އޯ-1(އައި.ޔޫ.އެލް) އިއުލާނު އަދި 20 އޮގަސްޓު 2025 ގައި ކުރެވުނު ނަންބަރު 1/2025/84/ޕީ.އޭ.އޯ-1(އައި.ޔޫ.އެލް) އިއުލާން ހިމެނެއެވެ.
މިހާރު ހުޅުވާލާފައިވާ ފުރުސަތުގައި ޓްރައިބިއުނަލްގެ ހުސްވެފައިވާ ދެ މަގާމަށް މެންބަރުން އައްޔަންކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން އެއް މަގާމަކީ ގާނޫނީ ދާއިރާގެ މެންބަރުކަމުގެ މަގާމެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު 8 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވެއެވެ.
މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ އޮފީހުން މައުލޫމާތު ދީފައިވެއެވެ.

