ދަތެއްގައި ރިއްސުމަކީ ގައިގައި އަޅާ އެންމެ ބޮޑު އެއްވޭނެވެ. ދަތުގައި ރިއްސުމުން މުޅި ބޮލާއި ގައިގެ ހުރިހާ ތަނަކަށް އެވޭން ފެތުރެއެވެ. އެހެންކަމުން ދަތެއްގައި ރިއްސާނަމަ ދޭނެ ވަގުތީ ފަރުވާތައް އެނގުންމުހިންމެވެ. ސަބަބަކީ ޑޮކްޓަރަށް ނުދެވޭފަދަ ވަގުތެއްގައި ރިއްސަން ފަށައިފިނަމަ ޑޮކްޓަރަށް ދެވެންދެން އެރިހުން ކުޑަކުރުވައިގެން ނޫނީ ކެތްކުރުން ފަސޭހަނުވާނެތީއެވެ.
އަވަހަށް، ވަގުތީ ގޮތުން ދަތުގައި ރިހުމަށް ލުޔެއް ހޯދުމަށް، ލޮނުފެނުން އަނގަދޮވުމާއި ބޭރުން ދުޅަވެފައި ހުރިނަމަ ގަނޑުފެން ފޮތިގަނޑެއްގައި އޮޅާލުމަށްފަހު ބޮނޑިތާން ކުރުމަކީ އެންމެ ފަސޭހައިން ގޭގައި ކުރެވިދާނެ ދެ ކަމެވެ.
ވަގުތީ ލުއި ލިބޭނެ ފަރުވާތައް:
ލޮނުފެނުން އަނގަ ދޮވުން: ހޫނުކޮށްފައިވާ ލޮނުފެނުން އަނގަ ތެރެ ދޮވުމަކީ އޭގެ ޒާތުގައި ޖަރާސީމު ނައްތާލާ އަދި ރިހުން ކުޑަކޮށް، ދަތުގައި ހެދިފައި ހުންނަ ހޮއިތެރޭގައި ހަރުލާފައި ހުންނަ ކާއެއްޗެހީގެ ބައިތައް ނެއްޓުމަށް އެހީތެރިވާނެ ކަމެކެވެ. ފެންތަށްޓެއްގައި ހޫނުކޮށްފައިވާ ފެނަށް ސަމުސަލެއްގެ ލޮނު އަޅައިގެން، ރަނގަޅަށް ގިރާލުމަށްފަހު އަނގައާއި ކަރުތެރެ (ކޯ ދޮންނަ ގޮތަށް ގާގްލް ކޮށް) ދޮވެލާށެވެ.
ފިނިކޮށްފައިވާ އެއްޗެއް ބޭރުން ބެހެއްޓުން: ފޮތިގަނޑެއްގައި އައިސް ޕެކެއް ނުވަތަ ގަނޑުފެން ފޮތިގަނޑެއްގައި ބަނދެގެން ކޯތާފަތުގެ ބޭރުގައި ބެހެއްޓުމުން ލޭ ހޮޅިތަކަށް އަރާމު ލިބި ރިހުން ވަގުތީ ގޮތަކަށް ހުއްޓުވާލައެވެ. މިގޮތަށް 15 އިން 20 މިނެޓަށް ބަހައްޓާފައި، މެދުކަނޑާލާށެވެ. އަނެއްކާވެސް އިރުކޮޅަކުން މިގޮތަށް ކަންތައް ކުރާށެވެ.
ކަރަންފޫ ތެޔޮ: މި ޤުދުރަތީ ތަދުކަނޑުވާ ތެލުގައި ހިމެނޭ ޔޫޖެނޯލްގެ ސަބަބުން، ރިހުމާއި ދިލަތަދު ކުޑަކުރުމަށް އެހީތެރިވެދެއެވެ. ސަމުސަލެއްގައި ފިސްކޮށްފައި ހުރި ކަރަންފޫ އެޅުމަށްފަހު އެއަށް ޒައިތޫނި ނުވަތަ ކާށި ތެޔޮފޮދެއް އެއްކޮށް، ހޫނުކޮށްލާށެވެ. ކަފަބުރަކުން ނޫނީ ފޮތިކޮޅެއްގެ އެހީގައި ރިހޭ ދަތުގެ މައްޗަށް އަޅާށެވެ އަދި ހިރުގަނޑުގައި ހާކާށެށެވެ.
ޕެޕަމިންޓް ސައިފަތް ބޭގު: ޕެޕަމިންޓްގައި ހިމެނޭ މެންތޯލްގެ ސަބަބުން ކުޑަކޮށް ތަދުވާސަރަހައްދު އައްސިކޮށް، ޖަރާސީމު ބަލިކަށިކޮށްލައެވެ. ޕެޕަމިންޓް ޓީބޭގެއް ހޫނުފެނުން ތެންމާލުމަށްފަހު، ކުޑަކޮށް ފިނިވުމުން ރިހޭ ސަރަހައްދުގައި އަޅާށެވެ.
އަންނާރުތޮއްޓާއި އަސޭމިރުސް ބޭނުން ކޮށްގެން ގޭގައި މިޕޭސްޓް ތައްޔާރުކޮށްގެން ބޭނުންކޮށްލުން ރަގަނޅެވެ.
- 3 ސަމްސާ އަންނާރު ތޮށި ( އަވީލާފައި މުރަނަކޮށްލުމަށް ފަހު މުގުރާފައި )
- 3 ސަމްސާ އަސޭމިރުސް ( މުގުރާފައި )
- ކުޑަ ތައްޓަކަށް މުގުރާފައިވާ އަންނާރު ތޮއްޓާއި އެއްވަރަށް މުގުރާފައިވާ އަސޭމިރުސް އަޅާލުމަށް ފަހު ކުޑަފެން ފޮދެއް އަޅާއިފައި ޕޭސްޓެއް ހަދާލާށެވެ.
- ދަތް ނުވަތަ ހިރުގަނޑުގައި ފާރުވެފައިވާ ތަނުގައި އެ ޕޭސްޓް އުނގުޅާލާފައި 10 ވަރަކަށް މިނިޓް ބަހައްޓާލުމަށް ފަހު ތާފަނާ ފެންކޮޅަކުން އަނގަތެރެ ދޮވެލާށެވެ.
ލޮނުމެދު: ޖަރާސީމު މަރާ ޚާއްޞިއްޔަތު ލިބިފައިވާ ލޮނުމެދު ޗަސްކޮށްގެން ޕޭސްޓެއް ހަދާފައި ސީދާ ރިހޭ ދަތުގައި އުނގުޅާލެވިދާނެއެވެ. މި ޕޭސްޓަށް ތަންކޮޅެއް ލޮނު އިތުރުކުރެވިދާނެއެވެ..
ބޯ އުސްކޮށް ބާއްވައިގެން އޮށޯތުން: ތިރިކޮށް އޮށޯވެ އޮންނައިރު، ބޮލަށް ލޭ އެއްވެ، ޕްރެޝަރު އިތުރުވެ، ރިހުން ގަދަވެދާނެއެވެ. ބާލީހެއް ނުވަތަ ދެެ ބާލީހުގެ މައްޗަށް ބޯ އުފުލާލައިގެން ނިދުމުން ރިހުން ކުޑަކޮށްލުމަށް އެހީވެދޭނެއެވެ.
ނުކުރަންވީ ކަންތައްތައް:
އެސްޕިރިން ދަތުގައި ނުވަތަ ހިރުގަނޑުގައި ނުހާކާށެވެ. މިއީ އާންމު ގޮތެއްގައި ދެކެވޭ ދޮގު ވާހަކައެކެވެ. މިގޮތަށް އެސްޕިރިންފިސްކޮށްފައި ޖެހުމުން ނުވަތަ ބާމު، މޫވް، ވޮލިނީ ފަދަ ތަދު ކަނޑުވާ ބާރުގަދަ ބޭސްތައް އަނގަތެރޭގައި ހޭކުމުން، ހިރުގަނޑު ނުވަތަ ދަތުގައި ޖެހުމުން އޭގެއިން ދަތާއި ހިރުގަނޑު އަދި އަނގަތެރެއަށް ގެއްލުން ލިބިދާނެއެވެ. ތަދުކަނޑުވާ ޕެނަޑޯލް ކަހަލަ ބޭހެއް ކެއިނަމަވެސް މިގޮތަށް ދަތުގައި ހިރުގަނޑުގައި ބޭސް ހޭކުމަކީ ރަނގަޅުކަމެއް ނޫނެވެ.
ދަތުގެ ޑޮކްޓަރަކަށް ދައްކަންވީ ހާލަތްތައް: ގޭގައި ކުރެވޭ ފަރުވާތަކަކީ ހަމައެކަނި ކުރު މުއްދަތަކަށް އަލާމާތްތައް ކޮންޓްރޯލްކުރުމަށް ކުރެވޭ ކަންތައްތަކެވެ. އަންނަނިވި ހާލަތްތަކުގައި ވަގުތުން ދަތުގެ ޑޮކްޓަރަކަށް ދެއްކުން އިސްކުރާށެވެ.
- އެއްދުވަސް ނުވަތަ ދެ ދުވަހަށްވުރެ ގިނަ ދުވަހު ރިހުން ދެމިގެންދިއުން.
- ހުން އައުން، ކަންފަތުގައި ރިހުން ނުވަތަ ދެދަތްޕިލާ ޖެއްސުމުން ރިހުން.
- މޫނު ދުޅަވުން ނުވަތަ ހިރުގަނޑު ރަތްވުން.
- ނުބައިވަސްދުވާ އެއްޗެއް ނުކުތުން، މިއީ ނުރައްކާތެރި އިންފެކްޝަނެއްގެ ނިޝާނަކަށް ވެދާނެއެވެ.


