ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުމަށް ފަހު މިއަދު ހއ. އުތީމަށް ފުރާވަޑައިގެންފިއެވެ.
ރައީސްގެ ވައުދުފުޅެއްގެ ގޮތުން މި އަހަރާއި އަންނަ އަހަރު، ގައުމީ ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވަނީ އުތީމުގައެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ މި ފަހަރު އޮންނާނީ އުތީމުގައެވެ. އެ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މިއަދު 10:00 ގައެވެ. އެ ޖަލްސާގައި އުތީމު ގަނޑުވަރު ބެެލެހެއްޓުމުގައި ކުރި މަސައްކަތަށް، ރަށުގެ ރައްޔިތުންނަށް ޚާއްސަ ޝަރަފެއް އަރުވަން ވެސް ވަނީ ނިންމާފައެވެ.
ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އާ ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.

