ވިޔަފާރިވެރިޔާ، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ގދ. ކާޑެއްދޫ އެއާޕޯޓު އަނބުރާ ސަރުކާރަށް ހޯދުމަށްޓަކައި ހުށަހެޅި ހުށަހެޅުން ގަބޫލުކޮށް، އެ އެއާޕޯޓް ދޫކޮށްލަން އެއްބަސްވެއްޖެއެވެ.
ގާސީމް ރޭ އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެއާޕޯޓް ދޫކޮށްލަން ނިންމެވީ އެތަން ތަރައްގީކޮށް، އިންޓަނޭޝަނަލް ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވައުދުފުޅަކަށް ވާތީ ކަމަށެވެ.
ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް އިންޓަނޭޝަނަލް ކުރުމުގެ ވިސްނުން ހުރިނަމަވެސް، ސަރުކާރުން ބޭނުންވާ ނަމަ ރަނގަޅު ޑީލެއްގެ ތެރެއިން އެތަން ތަރައްގީކުރަން ސަރުކާރަށް ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
ވިލާއިން އެދިފައި ވަނީ އެއާޕޯޓް ދޫކޮށްލުމުގެ ބަދަލުގެ ގޮތުގައި 21 މިލިއަން ޑޮލަރެވެ. ނަމަވެސް ސަރުކާރުން ހުށަހެޅީ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ނުވަތަ 18 މަސް ދުވަހަށް ޓެކްސް ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަދައިދިނުމަށެވެ.
އެއާޕޯޓު ދޫކޮށްލަން އެއްބަސްވާކަން ގާސިމް ހާމަކުރެއްވީ ވިލާ ކުންފުންޏާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ރޭ "އެކްސް"ގައި ހިއްސާކުރެއްވި ބަޔާނެއްގައެވެ.
ގާސިމް ވިދާޅުވީ އެއާޕޯޓްގެ ބަދަލުގައި ވިލާ ކުންފުންޏަށް ނުހައްގު ބަދަލެއް ދެނީ ކަމަށް ޔާމީން ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. މީގެ ކުރިން ވެސް އެގޮތަށް ކުންފުނީގެ އަގު ވައްޓާލަން ޔާމީން މަސައްކަތް ކުރެއްވި ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގދ. އަތޮޅުގެ ވެރިރަށް ތިނަދޫއާ އިންވެގެން އޮންނަ ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގަން ހަވާލުކޮށްފައި އޮތީ ވިލާ ކުންފުންޏާ އެވެ. ނަމަވެސް އޭގެ އެއްވެސް ކަމެއް ނުކުރެވި، އެއާޕޯޓް ހަލާކުވަމުންދާތީ، އާންމުންގެ ކަންބޮޑުވުންތައް ވަނީ ގިނަވެފައެވެ.

