ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ހއ. އުތީމަށް ވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނަށް އުތީމު ބަނދަރުން ސަޤާފީ ހަރަކާތްތަކާއެކު އެ ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސްއަށް މަރުހަބާ ދެންނެވުމުގައި އުތީމުގެ ކުދިބޮޑު ރައްޔިތުންނާއި، ނައިބް ރައީސް، ހުސެއިން މުހައްމަދު ލަތީފް، މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲގެ އިތުރުން އުއްތަމަ ފަނޑިޔާރާއި ހެރިޓޭޖް މިނިސްޓަރު ވަނީ ބައިވެރިވެ ވަޑަައިގަންނަވާފައެވެ. މީގެ އިތުރުން އުތީމު ކައުންސިލުގެ ރައީސްވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގައި ބައިވެރިވަޑައިގެންނެވިއެވެ.
ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު، ހއ. އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސް ވަނީ ނިންމަވާފައެވެ. މި ޝަރަފް އެރުވުން އޮންނާނީ މިއަދު އުތީމްގައި ބާއްވާ ޖަލްސާގައެވެ.
އެމަނިކުފާނު ވަނީ ސަރުކާރުން ފަށާފައިވާ ޣާޒީ ރަދުންގެ ހަނދާން އައު ކުރުމުގެ މަޝްރޫޢުގެ ދަށުން އުތީމުގައި ތަރައްޤީކުރާ ބޮޑުތަކުރުފާނު ދޮރާށީގެ ބިންގާ އެޅުމުގެ ރަސްމީއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މީގެ އިތުރުން ރައީސްގެ ދެކަނބަލުން ވަނީ ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވަޑައިގެން ގަސް އިންދަވައި ދެއްވާފައެވެ. އެއަށް ފަހު އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންނާއި ސަލާމް ކުރައްވާފައެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި މި ބާއްވަވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

