ޣާޒީ ބަންޑާރައިންގެ އަސަރުތައް ޙިމާޔަތްކުރުމުގެ މަޝްރޫޢު ފެށުމުގެ ގޮތުން ބޮޑުތަކުރުފާނު ދޮރޯށީގެ ބިންގާ އަޅައިފިއެވެ.
ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު އިބްރާހީމެވެ.
ބޮޑުތަކުރުފާނު ދޮރޯށީގެ ބިންގާ އަޅާފައިވަނީ މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރެއްވުމަށް ހއ. އުތީމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ބޮޑުތަކުރުފާނު ދޮރާށި ފަރުމާކޮށްފައިވަނީ، ކަޅުއޮތްފުންމީގެ ހަ ބަޠަލުންނާއި، އިސްލާމް ދީން އިޔާދަކުރެއްވުމާއި، ދިވެހިންގެ ސަގާފަތާއި މިނިވަންކަން ރަމްޒްކޮށްދޭގޮތަށެވެ. އެގޮތުން ދިވެހިންގެ އެވޭލާ މިސްކިތްތަކުން ފެންނަ ތަނބުތައް ނަކަލުކޮށްފައިވާ 6 ތަނބު ރަމްޒުކޮށްދެނީ ދިވެހިންގެ މިނިވަންކަމަށްޓަކައި ޖިހާދުކުރެއްވި ހަ ބަޠަލުންނެވެ. ރޭގަނޑަށް ދިއްލޭ މި 6 ބައްތިން ރަމްޒުކޮށްދެނީ ކަޅުއޮށްފުންމީގެ 6 ބަޠަލުން ދިވެހި ޤައުމަށް ކުރެއްވި ޚިދުމަތްތަކުގެ ފަނޑުވުމެއްނެތް ހަނދާންތަކެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

