އަލިފާން ރޯވި ގޭގައި ދިރިއުޅުނު ފަރާތަށް ވަގުތީ ބޯހިޔާވަހިކަން އެންޑީއެމްއޭއިން ފޯރުކޮށްދީފި

މ. އަފްޒާ ގޭގެ 6 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައި ހަރުކޮށްފަ ހުރި އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފައިވާއިރު، އެ ގޭގައި ދިރިއުޅު ފަރާތައް ވަގުތީ ބޯހިޔާވަހިކަން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ، އެންޑީއެމްއޭއިން ފޯރުކޮށްދީފިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 07:43 ހާއިރު ކަމަށާއި، އެ ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލައިފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ފަޔަރފައިޓަރުން ކުރި މަސައްކަތުން އޭސީ އައުޓްޑޯރ ޔުނިޓުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 07:59 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެޕާޓްމަންޓު ތެރެއަށް އަލިފާން ފެތުރި، އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ.
