ގައުމީ ދުވަހާއި ގުޅިގެން އެމްއެންޑީއެފުން ބާއްވާ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މި ޝަރަފުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:30 ގައި، ބަންޑާރަކޮށި ކުރިމަތިން ކަމަށެވެ.
މާލޭގެ މައި މަގުތަކުގައި ކުރިއަށްދާ މި ހިނގާލުމުގައި، ލަޝްކަރު ޖުމްލަ ހަތަރު ތަނެއްގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިލިޓަރީ ބޭންޑުން ކޮންމެ ތަނެއްގައި ވެސް ރާގު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ހިނގާލުން ހުއްޓޭނެ ސަރަހައްދުތަކުގެ ތެރޭގައި ދިވެހިބަހުގެ އެކެޑަމީ ކުރިމަތައްޗާއި، މަޖީދީމަގާއި ޗާންދަނީމަގު ޖަންކްޝަންކައިރި އާއި މިލިއަން ބުކްޝޮޕް ކައިރި އާއި ކަޅުތުއްކަލާކޮށީ ހުޅަނގުއުތުރު ކަންމަތި ހިމެނެއެވެ.
މި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮއްޓަށެވެ.
ކޮންމެ އަހަރެއްގެވެސް ރަބީޢުލްޢައްވަލުމަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައެވެ. މިދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކޮންމެ އަހަރަކުވެސް ހިނގާލުން ކުރިއަށްގެންދެއެވެ.

