އެއްބަޔަކު ވަޒަންވެރިވެ ތިބޭ ފަސްގަނޑު، ރަށް ނުވަތަ ޤައުމުގެ ނަން ސިފަ ވާގޮތަށް ބިނާއެއް ނުވަތަ މޮނިއުމަންޓް ބެހެއްޓުމަކީ ދުނިޔޭގައި އާ ކަމެއް ނޫނެވެ. ޒަމާން ވީ މި ވަތަނީ ވިސްނުން ދިވެހިރާއްޖޭގެ ހަފޮޅުން އެތެރެވެ އެ ސަޤާފަތް ފުރަތަމަ ފެނިގެން ދިޔައީ ރާއްޖޭގެ ރިސޯޓު ތަނުންނެވެ. އެ ސިނާޢަތުގައި މަސައްކަތް ކުރާ ދިވެހި ފަންނުވެރިގެ ކަވި މަސައްކަތެއްގެ ގޮތުގައި ކަން ފާހަގަ ކޮށްލެވޭ އިރު އެ ވިސްނުން ދިވެހިން ދިރިއުޅޭ ރަށް ތަކަށް ގެންދިޔައީ ވެސް ރިސޯޓު ތަކުގައި މަސައްކަތް ކުރާ ޒުވާނުން ކަމުގައި ޤަބޫލު ކުރެވޭ އިރު މިއީ ވަރަށް ގިނަ ބަޔަކު ގަޔާވާ ކަމަކަށް މިހާރު ވަނީ ވެފައެވެ.
އެގޮތުން ރާއްޖޭގެ އުތުރުގެ މަދު ރަށެއް ފިޔަވާ ހުރިހާ ރަށެއްގެ މާމަތީގައި ރަށުގެ ނަން މޮނިއުމަންޓެއްގެ ގޮތުގައި ވަނީ ހަދާފައެވެ. މި "ޓްރެންޑް" ރާއްޖޭގެ ދެކުނަށް ވެސް ވަނީ ފެތުރިފައެވެ. ދެކުނުގެ ރަށްތަކަށް ބަލާއިރު ވަރަށް މަދު ރަށެއް ފިޔަވައި، ޖުމްލަކޮށް ހުރިހާ ރަށެއްގައި ވަނީ މިދެންނެވިފަދަ ބިނާ ތައް ބެހެއްޓިފައެވެ.
ރަށުގެ ނަން ރަމްޒުވާ ގޮތަށް ބެހެއްޓިފައިވާ މޮނިއުމަންޓް ތަކަށް ބަލާއިރު މުޅިންހެން ފެންނަނީ ރަށުގެ ނަން އިނގިރޭސި ބަހުން ހުންނަ ތަނެވެ. ނަމަވެސް އެ ވިސްނުން ބަދަލު ވެގެން ދިޔަތަން ފެނުނީ މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގައި ބެހެއްޓި މޮނިއުމަންޓުންނެވެ. އެރަށުގެ ނަން އިނގިރޭސި އަކުރުން އިން ނަމަވެސް ދިވެހިން ވެސް ވަނީ ހިމަނާފައެވެ.
ފަރެސްމާތޮޑާ ރަމްޒުކޮށްދޭ ރަށުގެ މޮނިއުމަންޓް ހުޅުވުމުގެ ރަސްމިއްޔާތު ބޮޑު ޙަފްލާއަކާއެކު ވަނީ ޖުލައި މަހު 24 ގައި ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްފާޟިލް އަޝްރަފް ރަޝީދުއެވެ.
ރަށަށް ޒިޔާރަތް ކުރާ މީހުންނަށް މަރުހަބާ ކިޔޭހެން ރަށުގެ ބަނދަރު މަތީގައި ހުންނަ މި މޮނިއުމަންޓުގައި ފުރަތަމަ ފަހަރަށް ދިވެހި އަކުރުން ލިޔުނީ ފަރެސްމާތޮޑާއިން ކަމުގައި ފާހަގަ ނުވިއަސް އެ ޝަރަފު އޮތީ އެއްރަށަށް ކަން ޔަޤީންވީ މި އަހަރުގެ ޤައުމީ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރާ އުތީމުގައި ބެހެއްޓި މޮނިއުމެންޓްގައި ނަން ދިވެހިން އިން އޮތުން ފާހަގަކޮށް ވެރިންގެ ފެންވަރުގައި އެކަން ތާރީޚީ ކަމެއްގެ ގޮތުގައި ސިފަ ކުރަން ފެށުމުންނެވެ.
ނަމަވެސް ޙަޤީޤަތުގައި އެއީ އެފަދަ ދެވަނަ ރަށެވެ.
މިއީ ހުއްދައެއް ހޯދައި ވަކި ތަނެއްގައި ރަޖިސްޓްރީ ކުރެވިގެން ކުރާ ކަމަކަށް ނުވާތީ އެއީ މާބޮޑު ކަމެއް ނެތެވެ. އެހެންނަމަވެސް "ފަރެސްމާތޮޑާ" އަށް ފަހު "އުތީމު" ގެ މޮނިއުމަންޓްވެސް ދިވެހިން ލިޔެ އެކަން އެގޮތަށް ބަދަލުވެގެން ދިޔުމަކީ ޤައުމިޔަތުގެ ލޯބި އިޙުސާސްވާ ކަމެއް ކަން ޔަޤީނެވެ.

