ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ. ހިރިމަރަދޫގެ ރައްޔިތުން އެންމެ މަދުވެގެން 18 މަސްދުވަހުގެ ތެރޭގައި ހަނިމާދޫއަށް ބަދަލުކޮށްދެއްވާނެކަމަށާއި، ހިރިމަރަދޫގެ ކޮންމެ ގެއަކަށް ހަނިމާދޫން ގެއެއް ދެއްވާނެކަމަށް މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، އެމަނިކުފާނު ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށް ހިރިމަރަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ހިރިމަރަދޫގެ އާބާދީއަކީ 589 ކަމުގައި ވިޔަސް، އެކި ސަބަބުތަކާ ގުޅިގެން ގިނަ ޢަދަދެއްގެ ރައްޔިތުން އެހެން ރަށްރަށަށް ހިޖުރަކުރުމާއި ގުޅިގެން މިހާރު ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް ދުއިސައްތައެއްހާ މީހުންނެވެ. ރަށުގައި ޒުވާން އާބާދީއަށްވުރެ ދޮށީ ޢުމުރުގެ އާބާދީ ވަނީ އިތުރުވެފައެވެ. ހދ. ހިރިމަރަދޫ ރައްޔިތުން އެދިފައިވާގޮތަށް، އެރަށުގެ ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ހާމަކުރައްވާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ހިރިމަރަދޫގެ ރައްޔިތުންނަށް މުސްތަގްބަލު އުޖާލާކޮށްދީ، ހުރިހާ ރައްޔިތުންނަށް މަތީ ފަންތީގެ ޚިދުމަތް ހޯދައިދީ، އުންމީދުގައި ކުލަ ޖައްސައިދިނުމަށްކަމަށެވެ. ރައްޔިތުންގެ މުސްތަގުބަލަށްޓަކައި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހަނިމާދޫގައި ދާއިމީ ގެދޮރިވެރިކަމާއި، ޢުމްރާނީ ވަސީލަތް ޤާއިމްކުރުމަށް އެޗްޑީސީއާ ހަވާލުކުރި އެއްބަސްވުމުގެ ދަށުން، ހުރިހާ ރައްޔިތުންނަށް، ކޮންމެ ގޯއްޗަކަށް ގޯއްޗެއް އަދި ގެއެއް އަޅައިދީ ތަޅުދަނޑި ހަވާލުކުރެވޭނެކަަށް ރައީސް ވިދާޅުވިއެވެ. އަދި ބަދަލެއްގެ ގޮތުން ފައިސާގެ ޢަދަދެއްވެސް ދޭގޮތަށް މި މަޝްރޫޢު ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، “އެހެންވީމަ އަމިއްލަ ގޯތީގައި ގެދޮރެއް ނެތަސް އަޅުގަނޑުމެން ގޯތި ދޭއިރު އެއިން ކޮންމެ ގޯއްޗެއްގައި ގެއެއް އަޅައިދޭނަން، ކުރިން ދޭ ފައިސާގެ ޢަދަދު އަޅުގަނޑުމެން މުޠާލިޔާކޮށް ބޮޑުކުރާނަން. މިއީ ރަށުގެ ރައްޔިތުންގެ މުސްތަޤްބަލު އުޖާލާކުރުމަށް ކުރެވޭ މަސައްކަތެއް. ވަރަށް އަވަހަށް އަމަލީ މަސައްކަތް ހަނިމާދޫގައި ފެށޭނެ. ވަރަށް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް އެންމެ މަދުވެހެން 18 މަސްދުވަސްތެރޭ ހަވާލުކުރާނަން.”
ރައީސް ވިދާޅުވީ އާބާދީއާއި ތަރައްޤީ އެއްފަސްކުރަނީ އެކަމަށް އެދޭ ރަށްރަށުގެ ރައްޔިތުންނަށް އިސްކަންދީގެންކަމަށާއި، އެއްވެސް ރަށެއްގެ ރައްޔިތުން ހިޖުރަކުރުމަށް ސަރުކާރުން މަޖުބޫރު ނުކުރާނެކަމަށެވެ. މިސަރުކާރުގެ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ފުރަތަމަ މަސައްކަތް ފަށަނީ ހިރިމަރަދޫންކަމަށާއި، އިތުރު ތިން ރަށެއްގެ ރައްޔިތުންވެސް ހިޖުރަކުރަން އެދިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ކުރިން އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުތަކާއި މިކަން ކުރިގޮތާ ޚިލާފަށް ސަރުކާރުން މި މަޝްރޫޢު ކުރިއަށްގެންދާނީ ހިރިމަރަދޫ ރައްޔިތުންނަށް އެމީހުންގެ އުފަން ރަށްކަމަށްވާ ހިރިމަރަދޫގައި ސަރުކާރުން ބޭނުންކުރާ އިޤްތިޞާދީ މަންފާއިން އެ ރައްޔިތުންނަށް ފައިދާވާނެގޮތަށްކަމަށެވެ.
ސަރުކާރުން މިގޮތަށް ކުރިއަށް ގެންދާނަމަ، ކުދި އާބާދީ ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންވެސް ބޮޑެތި ރަށްރަަށަށް ބަދަލުވާން ބޭނުންވާނެކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރަށް އެންމެހާ އާބާދީ ކުދި ރަށްރަށުގެ ރައްޔިތުންނާއި އާބާދީ ބޮޑު ރަށުގެ ރައްޔިތުންނާވެސް ހަމަހަމަކަމަށާއި، ނަމަވެސް އެފަދަ ބޮޑު ރަށަކަށް ބަދަލުވާން އެދޭނަމަ، އެކަންވާނީ ދެމެހެއްޓެނިވި އަދި ރައްޔިތުންނަށް މުސްތަޤްބަލު އުޖާލާ ކަމަކަށްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ އާބާދީ ކުދި ރަށްރަށުގެ ރައްޔިތުން ހިޖުރަކުރަން ބޭނުންވާނަމަ އެކަމަށް އެދުމަށް އެދިވަޑައިގެންފައެވެ. ދޫކޮށްލާ ރަށުން ލިބޭ އިޤްތިޞާދީ މަންފާ އެ ރައްޔިތުންނަށް ފައިދާވާނެގޮތަށް ކުރިއަށް ގެންދިއުމަށް ސިޔާސަތު އެކަށައަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ވަރަށް އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ކުރިއަށްގެންދަން ޖެހޭނެކަމެއްކަމަށާއި، ދިރިއުޅޭ ފަސްގަނޑު ދޫކޮށްލުމަކީ ކުޑަކަމެއް ނޫންކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް ކުރިއަށްދާނީ ހިރިމަރަދޫގެ ރައްޔިތުންނާ އެކުކަމަށާއި، ހަނިމާދޫއަށް ރައްޔިތުން ބަދަލުވުމާއި ހަމައަށްވެސް ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ހިރިމަރަދޫގައި ޤާއިމްކޮށްދޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

