މިއަދު ފާހަގަ ކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުން ދިވެހި ސަގާފީ ތަރިކައިގެ އަގުވަޒަން ކުރުމުގެ ގޮތުން ގައުމީ ހެދުމުގައި ވަޒީފާއަށް ނުކުމެ، އެންމެނަށް ނަމޫނާ ދަައްކައިފިއެވެ.
އެމްއޭސީއެލުން މިކަން ހާމަކޮށްފައިވަނީ "އެކްސް" މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ބަޔާންކޮށްފައިވަނީ، ގައުމީ ދުވަހުގެ މުނާސަބަތުގައި މުވައްޒަފުން ސަގާފީ ތަރިކައިގެ އަގުވަޒަން ކުރުމުގެ ގޮތުން ގައުމީ ހެދުން ދައްކާލާފައިވާ ކަމަށެވެ. އެމްއޭސީއެލުން ޙިއްސާކޮށްފައިވާ ފޮޓޯތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގައި އެ ކުންފުނީގެ އަންހެން އަދި ފިރިހެން މުވައްޒަފުން ގައުމީ ހެދުމުގައި މަސައްކަތުގައި ދެމިތިބި މަންޒަރު ފެންނަން ހުއްޓެވެ.
ކޮންމެ އަހަރެއްގެ ވެސް ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ ފަހުރުވެރި "ގައުމީ ދުވަސް" ގެ ގޮތުގައެވެ. މި ދުވަހަކީ ރާއްޖެ 15 އަހަރާއި ހަ މަސް ދުވަހުގެ ޕޯޗުގީޒުންގެ އަޅުވެތިކަމުން މިނިވަންވި ދުވަހުގެ ހަނދާނުގައި ފާހަގަކުރާ ދުވަހެކެވެ. އަދި އައްސުލްތާނުލް ޣާޒީ މުހަންމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި، އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަތަލުންގެ ހަނދާނާއި ޒިކުރާ އާ ކުރުމަށް ފާހަގަކުރާ ދުވަހެކެވެ.
މި އަހަރުގެ ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު ރަސްމީ ޖަލްސާއެއް ހއ. އުތީމުގައި ބާއްވާފައިވެއެވެ. މީގެއިތުރުން، ދިވެހި ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން އިންތިޒާމުކޮށްގެން ސިފައިންގެ ޝަރަފުގެ ހިނގާލުމެއް މިއަދު ހަވީރު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

