ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި، ހދ. ފިނޭއަށް މިއަދު ވަޑައިގެންފިއެވެ. މިއީ އެމަނިކުފާނު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން ވަޑައިގެންނެވި ދެވަނަ ރަށެވެ.
ރައީސުލްޖުމްހޫރިއްޔާ ފިނޭއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށްޓަކައި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ފިނޭ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
ފިނޭއަށް ވަޑައިގެން، އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔު.ޑީ.ސީ) އާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ފިނޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. އެމަނިކުފާނު ފިނޭގައި ހުންނަވާއިރު، ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތާއި، ފިޓްނެސް އެންޑް ރެކްރިއޭޝަނަލް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ ހދ. އަތޮޅުގެ ރަށްރަށަށް ކުރައްވާ މި 4 ދުވަހުގެ ދަތުރުފުޅުގައި، ހިރިމަރަދޫއަށްފަހު ފިނޭއަށް ވަޑައިގަތުމަށްފަހު، މި އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަށް އެ މަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެ ރަށްތަކަކީ ހަނިމާދޫ، ނައިވާދޫ، ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނޮލިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުޅުދުއްފުށި، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ އަދި މަކުނުދޫއެވެ.

