ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް ކުރިމަތިލާއިރު، ސައްހަނޫން ސެޓްފިކެޓް ހުށަހެޅުމުގެ މައްސަލަތައް އިތުރުވެފައިވާތީ، ދިވެހި ފުލުހުންގެ ޚިދުމަތުން ވަޒީފާ ދޭ ފަރާތްތަކާއި ތައުލީމު ފޯރުކޮށްދޭ އެންމެހާ ފަރާތްތަކުން މިކަމާމެދު ސަމާލުވުމަށް އިލްތިމާސްކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވީ، ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް ހުށަހަޅާއިރު، ސައްހަނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް އެ އިދާރާއަށް ހުށަހަޅާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މިފަދަ އަމަލުތަކަކީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލި، ނުހައްގު މަންފާތަކެއް ލިބި، އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެއްގެ ގޮތުގައި ފުލުހުން ފާހަގަކުރައްވައެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން، ސެޓްފިކެޓް ފޯޖްކުރުމުގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ބައެއް މައްސަލަތައް ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުގީގުކޮށް ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއްވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ސައްހަނޫން ސެޓްފިކެޓް ހުށަހެޅުމަކީ ނުވަތަ ބޭނުންކުރުމަކީ ދިވެހި ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ކުށެއް ކަމަށެވެ. އަދި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދެއްވާފައެވެ.
މިފަދަ ކަންކަމާމެދު ވަޒީފާދޭ ފަރާތްތަކާއި ތައުލީމު ފޯރުކޮށްދޭ އެންމެހާ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ. ވަޒީފާދޭ ފަރާތްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކާއި، ސަރުކާރުގެ މުއައްސަސާތަކުން، އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަކީ މުހިންމު ކަމެއް ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
ހަމަމިއާއެކު، ސައްހަނޫން ސެޓްފިކެޓެއްކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ނުވަތަ ކަމާގުޅުންހުރި އިދާރާތަކުން ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ކުރުމަށްވެސް ފުލުހުން އިލްތިމާސްކުރެއްވިއެވެ. މިގޮތުން ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި އެފަދަ މައްސަލަތައް ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

