ރަށުގެ ތާރީޚީ ވާހަކަތައް ކިޔައިދިނުމަށް އުތީމުގައި ތަރައްޤީކުރަމުންދާ “ވާހަކަ ވައު” ނުވަތަ ސްޓޯރީ ޕާކް ސަރަޙައްދުގައި ކަނދު ގަސް އިންދާ އާލާކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ޢާދަމް ނަސީރު އިބްރާހީމެވެ.
މި ހަރަކާތުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއާއި، ކައުންސިލާއި، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ މުވައްޒަފުންނާއި އުތީމުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަޝްރޫޢުގެ ދަށުން 300 ކަނދު ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ.
އުތީމުގައި ހުރި އެންމެ އާސާރީ އެއް ބިނާ ކަމަށްވާ ކަނދުވަލު މިސްކިތަކީ، އުތީމުގެ އިހުގެ ކަނދު ވައު ސަރަޙައްދުގައި ހުރި، އުތީމު ތަކުރުފާނުން ނަމާދުކުރެއްވުމަށް ބޭނުންކުރެއްވި މިސްކިތްކޮޅެވެ. މި ސަރަޙައްދު އަލުން އާލާކުރުމުގެ މަސައްކަތް ފެށިފައި މިވަނީ ޤައުމިއްޔަތު ޕްރޮގްރާމްގެ ތެރެއިންނެވެ.
“މިތާންގައި ހިނގާލާފައި ވާހަކަތައް ކިޔާލަމުން އުޅެވޭގޮތަށް މަގުތައް ހެދިފަ ހުންނާނީ. ވަރަށް ޝަޢުގުވެރިވާގޮތަށް މިތަން ތަރައްޤީވާނީ. ތަފާތު، ރީތި، މައިދާނަކަށް މިތަން ވާނީ. ޒަމާނާ އެއްގޮތަށް، އެކަމަކު އޭގެ ޙަގީގީ މާނައިގައި ގެނެސްދޭނީ،” މިހެން ވިދާޅުވަމުން ވަޒީރު އާދަމް ނަސީރު ފާހަގަކުރެއްވީ މިއީ ރާއްޖެއަށް ވަރަށް އާ، ތަފާތު މަސައްކަތެއް ކަމަށެވެ.
އުތީމުގައި ޤައުމިއްޔަތު އާލާކުރުމާއި، ތަކުރުފާނުގެ އަސަރު ދިރުވުމަށް އިތުރު މުހިންމު މަޝްރޫޢުތަކެއް ހިންގުމުގެ މަސައްކަތްތައްވެސް ވަނީ ފެށިފައެވެ. “ވާހަކަ ވައު” ގެ މައިގަނޑު މަޤްޞަދަކީ އާންމުން ޝައުޤުވެރިވާނެ ގޮތަށް، އުތީމުގެ ތާރީޚީ ވާހަކަތައް ޒަމާނީ ވަސީލަތްތަކާއި ގޮތްތައް ބޭނުންކޮށްގެން ގެނެސްދިނުމެވެ.

