ހދ. ހަނިމާދޫގައި ތަރައްޤީކުރަމުން އަންނަ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިންމައި، އެންމެ ލަސްވެގެން އަންނަ ނޮވެމްބަރު މަހު ބޭނުންކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރަށުގެ އެންމެ މުހިންމު މަޝްރޫޢުކަމަށާއި، އެއީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއަރޕޯޓު ނަމަވެސް ތަރައްޤީކުރުމަށްވެސް އެންމެ ގިނަ ދުވަސްނެގި އެއަރޕޯޓްކަމަށެވެ. އެ އެއަރޕޯޓުގައި މިހާރު ކުރިއަށްދަނީ ޒަމާނީ ފެންވަރަށް ގިނަ ވަސީލަތާއެކު އެންމެ ހަލުވި ސްޕީޑުގައި ނިންމުމަށް ކުރާ މަސައްކަތްކަން ފާހަގަކުރައްވާ ރައީސް ވަނީ އެ މަޝްރޫޢު އެންމެ ލަސްވެގެން ހުރިހާ ޚިދުމަތަކާއެކު ނޮވެމްބަރ މަހު ބޭނުންކުރަން ފެށޭވަރަށް ނިންމަވާނެކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސަބަބުން ރަށުގެ އިޤްތިޞާދަށް ކުރިއެރުން ލިބޭނެކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ މި އެއަރޕޯޓް ބޭނުންކުރާ ބައިނަލްއަޤްވާމީ ފަސިންޖަރުންނަށް ހުޅުލޭގައި ބޭންކު ރޭޓުގައި ޑޮލަރު ގަންނަން ލިބޭފަދައިން ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެއަރޕޯޓް ބޭރުން އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި ޑޮލަރު އޭޓީއެމެއްވެސް އިރާދަކުރެއްވިއްޔާ ބަހައްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަންކަމުގެ ސަބަބުން ހަނިމާދޫގެ ޓޫރިޒަމް ކުރިއަރާނެކަމަށް ރައީސް ލަފާކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެއަރޕޯޓް ހުޅުވޭއިރު، ހަނިމާދޫގައި ޕާސްޕޯޓުގެ ޚިދުމަތާއި އައިޑީކާޑު ޕްރިންޓުކުރުމުގެ ޚިދުމަތްވެސް ޤާއިމްކުރެވޭނެކަމަށެވެ. މިއީ ހަނިމާދޫގެ ރައްޔިތުންނާއި، ރަށަށް ހިޖުރަކުރާ ފަރާތްތަކާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިއެރުން ލިބޭނެކަމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅިން އައު މަޝްރޫޢެއްގެގޮތުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަސައްކަތް ކުރިއަށްގެންދާ ރީޖަނަލް އެއަރޕޯޓްސް ކުންފުނިން މަޢުލޫމާތު ދޭގޮތުގައި، ގާތްގަނޑަކަށް ދެ ބިލިޔަން ރުފިޔާގެ މި މަޝްރޫޢުގެ %91 މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ވަކިވަކި މަސައްކަތްތަކަށް ބަލާއިރު، ޕެސެންޖަރ އަދި ޖެޓީ ޓަރމިނަލް ބިލްޑިންގެ %92 ވަނީ ނިމިފައެވެ. ދިވެހި ވަންތަކަން ދައްކުވައިދޭ ޒަމާނީ ފަރުމާއަކަށް އިމާރާތްކޮށްފައިވާ މި ޓަރމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓަރމިނަލެކެވެ. ރަންވޭއާއި އޭޓީސީ ޓަވަރު، ކަރގޯ ބިލްޑިން، ހެންގަރު ޓެކްސީވޭ އަދި ޔުޓިލިޓީ ފެސިލިޓީތަކުގެ %99 މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.
މި މަޝްރޫޢު ނިމުމުން، ހަނިމާދޫ އެއަރޕޯޓުން އޭ320 އަދި ބޮއިންގް 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. ހަނިމާދޫ އައު އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެއީ 3 އެއަރބަސް އާއި 6 އޭޓީއާރް މަތިންދާ ބޯޓަށް އެއްފަހަރާ ޕާކުކުރެވޭނެ ޖާގައެވެ. ޓަރމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި ޓަރމިނަލްގެ މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަރނޭޝަނަލް ދަތުރުތަކަށެވެ. ކޮންމެ ފަންގިފިލާއެއްގައި 2 ގޭޓު ހިމެނެއެވެ. އަތޮޅުތަކުގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ހުންނާނީ ހަނިމާދޫ އެއަރޕޯޓްގައެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވުމާއެކު އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެކަމަށް ލަފާކުރެވެއެވެ. މިއީ ރާއްޖޭގެ އުތުރުގެ ސަރަހައްދަށް އިތުރު ފަސޭހަތަކެއް ގެނެސްދީ، ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ މަޝްރޫޢެކެވެ.

