ހދ. ހަނިމާދޫގައި 30 އެނދުގެ އައު ހޮސްޕިޓަލެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިއްޙަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމްއެވެ. އަރިހުގައި ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމް އަދި ހަނިމާދޫ ކައުންސިލްގެ ރައީސްވަނީ ބައިވެރިވެފައެވެ.
ހަނިމާދޫ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. ގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ވަނީ މިއަހަރު ނިމުމުގެ ކުރިން ހަނިމާދޫ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތާއި، ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

