ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ. ނައިވާދޫއަށް ވަޑައިގަންނެވުމުން އެރަށުގެ ކައުންސިލާއި މުއައްސަސާ ތަކުގެ އިސްވެރިންގެ އިތުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
އީ ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް ރައީސް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި އެއަތޮޅުގެ 4 ވަނަ ރަށެވެ.
މި ދަތުރުފުޅުގައި، ނައިވާދޫ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން ރައީސް މަޝްވަރާ ކުރައްވާނެއެވެ. އަދި މި ދަތުތުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ރައީސް ބައްލަވާނެއެވެ.
މި ދަތުރުފުޅުގައި، ހދ.ގެ މީހުން ދިރިއުޅޭ 13 ރަށަށް އެ ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އިއްޔެ ވަޑައިގެންނެވި 3 ރަށުގެ އިތުރަށް މިދެދުވަހު ނެއްލައިދޫ، ނޮޅިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުޅުދުއްފުށި، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ އަދި މަކުނުދޫ އަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

