ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅަކީ ޓޫރިޒަމް ނެތް އަތޮޅެއްގެ ގޮތުގައި ފާހަގަވެފައިވާ ލޭބަލް ނައްތާލައްވައި، ފަތުރުވެރިކަން ފައްކާވެފައިވާ އަތޮޅަކަށް ހައްދަވާނެކަމުގެ ޔަޤީންކަން ދެއްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، ހދ. ނައިވާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިވާދޫގެ ތަރައްޤީއަށް ގިނަ ވަޢުދުތަކެއް:
ރައީސް މުޢިއްޒު ނައިވާދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދަކީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުންކަމަށް ފާހަގަކުރެއްވިއެވެ. މި މަޝްރޫޢު، އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން، އެމްޓީސީސީއާ ވަނީ ހަވާލުކުރެވިފައެވެ. ރައީސް ވިދާޅުވީ، މި މަޝްރޫޢަށް ވަރަށް އިސްކަންދެއްވައިގެން ކުރިއަށް ގެންދަވާނެކަމަށާއި، މިއީ ރަށަށް އިޤްތިޞާދީ ކުރިއެރުން ގެނުވާނެ މަޝްރޫޢެއްކަމަށެވެ.
ނައިވާދޫއަކީ ފުޓްބޯޅާގައި ކާމިޔާބު ރަށެއްކަން ފާހަގަކުރައްވައި، ފެންވަރު ރަނގަޅު ދަނޑެއް ނެތުމުން ޒުވާނުންނަށް ދަތިތަކެއް ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެ މަސައްކަތް ހަވާލުކުރާނެ ކުންފުންޏެއް ހޯދާފައިވާކަމަށާއި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިވާދޫގެ ތަރައްޤީގައި އިސްކަންދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވީ، ސްކޫލުގައި ފަށާފައިވާ ހޯލުގެ މަސައްކަތުގައި ލަސްތަކެއް ހުރިނަމަވެސް، މިހާރު އެކަމަށް ހައްލު ގެނެސްފައިވާކަމަށާއި، މަޝްރޫޢު ބާރަށް ކުރިއަށްދާނެކަމަށެވެ.
ބަނދަރު ހެދުމުގެ މަސައްކަތް ފެށިފައިވާކަން ފާހަގަކުރައްވައި، ރައްޔިތުން އެދޭ ބަދަލުތައް އެ މަޝްރޫޢަށް ގެންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ނަރުދަމާގެ މަޝްރޫޢުގެ 80 އިންސައްތަ ނިމިފައިވާކަމަށާއި، އެ މަޝްރޫޢުވެސް އަވަހަށް ނިންމޭނެކަމަށް ވިދާޅުވިއެވެ. ސިއްޙީ ދާއިރާ ތަރައްޤީކުރައްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. “އަންނަ އަހަރަށް ބަޖެޓު ހަދާއިރު ސިއްޙީ މަރުކަޒު ޖާގަ އިތުރުކުރުމަށް އައު އިމާރާތާއި ވަސީލަތްތައް ހަމަކުރުން. ލެބޯޓްރީ އިތުރަށް ވަރުގަދަކުރުން. މީގެ އިތުރުން އެމްބިއުލާންސްގެ މައްސަލަވެސް ހައްލުކުރާނަން، އެއީ ވަރަށް އަވަހަށް ހައްލުކުރަންޖެހޭ މައްސަލައެއް،” ރައީސް ވިދާޅުވިއެވެ.
ނައިވާދޫ ރައްޔިތުން އެދޭގޮތަށް މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދޭނެކަމަށާއި، އެ މަޝްރޫޢު އަންނަ އަހަރު ފައްޓަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ޖަނަރޭޓަރު ސެޓެއް ގެނައުމުގެ މަސައްކަތް ކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހދ. އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމުގެ މުހިންމު މަސައްކަތްތައް:
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ހދ. އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން ވަނީ މުހިންމު މަސައްކަތްތަކެއް ފަށާފައެވެ. މިގޮތުން، މި އަތޮޅު ހިމެނޭހެން އިންވެސްޓުކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިތަކެއް، ނުވަތަ ޑިސްކައުންޓުތަކެއް ދީފައިވާކަމަށާއި، މިހާރު ވަނީ މި އަތޮޅުން ގާތްގަނޑަކަށް 10 ވަރަަށް ސަރަހައްދު، ފަޅުތަކާއި ފަޅުން ބައެއް ބިޑަށް ހުލުވާލެވިފައިކަމަށެވެ. ބައެއް ފަރާތްތަކުން ޝަޢުގުވެރިކަން ފާޅުކޮށް ބީޑު ހުށައަޅަމުންދާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
އަދި، އެމްޓީޑީސީން ކުރިއަށްގެންދަން މަސައްކަތްކޮށް ހުއްޓިފައިވާ ނާގޯށި މަޝްރޫޢުވެސް ކުރިއަށް ގެންދާނެ ގޮތްތައް ހޯދާފައިވާކަމަށް ވިދާޅުވެ، އެ މަޝްރޫޢު ބާރަށް ކުރިއަށްދާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. ރައީސް ވިދާޅުވީ، އެމްޓީޑީސީއަށް ފިނޭންސް މިނިސްޓްރީގެ ތެރެއިން އެ މަޝްރޫޢު ހިންގަން ލުއިތަކެއް ދީގެން، ނާގޯށި ފެށުމަށް މޯބިލައިޒްކޮށްފައިވާކަމަށެވެ. މިއީ ވަރަށް ދުވަސްވީ މައްސަލައެއް ނަމަވެސް، މިހާރު ބާރު ދުވެލީގައި ކުރިއަށް ގެންދާނެ ގޮތް ފަހިކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ނާގޯށި މަޝްރޫޢުގެ ދިގު ތާރީޚް:ހދ. ނާގޯއްޓަކީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ރިސޯޓް ތަރައްޤީކުރަން ދޫކޮށްފައިއޮތް ރަށެކެވެ. 2006 ވަނަ އަހަރު އެމްޓީޑީސީއަށް ހަވާލުކުރި ނަމަވެސް، 2012 ވަނަ އަހަރު މާލީ ހާލަތާއި ގުޅިގެން ރަޝިއާގެ ކުންފުންޏަކަށް މަސައްކަތް ކުރިއަށް ގެންދެވޭ ގޮތް ނުވިއެވެ. 2017 ވަނަ އަހަރު ރަށް ނެގުމަށްފަހު، 2021 ވަނަ އަހަރު ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއަށް ދޫކުރެވުނު ނަމަވެސް، 3 އަހަރު ވެގެންދިޔައިރުވެސް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. އެހެންކަމުން އެގްރިމެންޓް ވަނީ އުވާލާފައެވެ.
ފަތުރުވެރިކަން ނެތް ސަރަޙައްދުތަކުގައި ފަތުރުވެރިކަން:
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރާއްޖޭގެ ފަތުރުވެރިކަން ނެތް ސަރަޙައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކޮށް އޭގެ ނަފާ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އެމަނިކުފާނު ވަނީ އެވާހަކަ ތަކުރާރުކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ނައިވާދޫގެ ތަރައްޤީގެނެސް ރައްޔިތުން އެދޭގޮތަށް ކަންކަން ހާސިލްކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިއާއެކު ހދ. އަތޮޅުގައި ޓޫރިޒަމް ނެތުމުގެ ލޭބަލް ނައްތާލައި ޓޫރިޒަމް ފައްކާވެފައިވާ އަތޮޅަކަށް އެއަތޮޅު ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

