18 އަހަރު ނުވާ ކުޑަކުދިންނަށް ވަޅި ވިއްކުމަކީ މަނާ ކަމެއްކަމަށް ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން ސެންޓަރުން ހާމަކޮށްފިއެވެ. މިއަދު އަމަލުކުރަން ފެށި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކުޑަކުދިންނަށް ވަޅި ވިއްކުން މަނާވެގެންދާނެއެވެ.
ފުލުހުން މައުލޫމާތު ދެއްވާގޮތުގައި، ކުޑަކުއްޖަކަށް ވަޅި ވިއްކައިފިނަމަ ގާނޫނުގެ 37 ވަނަ މާއްދާގެ (ހ) އަދި (ށ)ގެ ދަށުން 20,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ގާނޫނަށް އަހުލުވެރިކުރުމުގެ މަސައްކަތް؛ މާލެ ސިޓީ ޕޮލިހާއި ކްރައިމް ޕްރިވެންޝަން ގުޅިގެން މި ގާނޫނަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވެއެވެ. މި ޕްރޮގްރާމްތަކުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ނުރައްކާތެރި ކުށްތަކާއި، ތޫނު އެއްޗެހި އަދި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ކުށްތަކާ ބެހޭ މައުލޫމާތު ހިއްސާކުރެވެއެވެ.
ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން؛ ވިޔަފާރިވެރިން ސަމާލުކަން ދޭންޖެހޭ ކަންކަމުގެ ތެރޭގައި، ތުހުމަތުކުރެވޭ ފަދަ މީހުންނާއި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅި، ކަޓަރު ތިލަ އަދި އެނޫންވެސް ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ އާލާތްތައް ވިއްކުން މަނާކަން ފުލުހުން ވަނީ އަންގަވާފައެވެ.

