ނ. ވެލިދޫ ބިން ހިއްކުމުގެ މަސައްކަތް ނިމި، ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައިކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
33.6 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ވެލިދޫ ފަޅުން 2.7 ހެކްޓަރުގެ ސަރަހައްދެއް ވަނީ ހިއްކާފައެވެ. މި ސަރަހައްދަކީ އޮޑިދޯނިފަހަރު ބާލާ އެހެލުމަށާއި ފައިބަރު މަސައްކަތްތައް ކުރުމަށް ޚާއްސަކުރެވިފައިވާ ސަރަހައްދެކެވެ. އެމްޓީސީސީން ބުނާގޮތުގައި މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ މި މަހުގެ 1 ވަނަ ދުވަހު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލާފައެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ތެރޭގައި 443 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ފާހަގަކުރާގޮތުގައި މުޅި މަޝްރޫޢުގެ 65 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ނ. އަތޮޅުގެ އެންމެ އާބާދީ ބޮޑު އެއް ރަށް ކަމަށްވާ ވެލިދޫގައި 2،700 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. މި ރަށަކީ ކޮންމެ ދުވަހަކުވެސް ގިނަ ޚިދުމަތްތަކެއް ހޯދުމަށް އެތައް ބަޔަކު ޒިޔާރަތްކުރާ ރަށެކެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފަހުން ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި މަޝްރޫޢު ނިމުމުން ވެލިދޫގެ ރައްޔިތުންނަށް ޢުމްރާނީ އަދި އިޤްތިޞާދީ ގޮތުން ގިނަގުނަ ކުރިއެރުންތަކެއް ލިބޭނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

