ހދ. ނެއްލައިދޫ ބަނދަރުގައި ޖެޓީއެއް ހެދުމާއި، އެރަށު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ނެއްލައިދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
58.19 މިލިއަން ރުފިޔާގެ އަގުގައި ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، 3،086 މީޓަރުގެ ދިގު މަގެއްގައި، 15،265 އަކަމީޓަރުގެ ދުއްވާ ސަރަހައްދަކާއި، 3،406 އަކަމީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެން ހިންދާ ނިޒާމެއްވެސް ގާއިމުކުރެވޭނެއެވެ. މި މަޝްރޫޢު ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 720 ދުވަހުގެ މުއްދަތެކެވެ.
ބަނދަރުގައި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން 1.5 މީޓަރު ފުޅާމިނުގެ ޖެޓީއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. 6.94 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިންމުމަށް ދީފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ.
މި ދެ މަޝްރޫޢު ފުރިހަމަވުމުން ނެއްލައިދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހަތަކުގެ ތެރޭގައި ރަށުތެރޭގައި ދަތުރުފަތުރު ކުރުމުގެ ނިޒާމު ހަރުދަނާވެ، ބަނދަރު ސަރަހައްދުގައި އުޅަނދުފަހަރަށް އަރާފޭބުމުގެ ޚިދުމަތް ފަސޭހަވެގެންދިއުން ހިމެނެއެވެ.

