ހދ. ނޮޅިވަރަމަށް 30 އެނދުގެ ހޮސްޕިޓަލަކާއި ފީފާ ސްޓޭންޑަޑްގެ ދަނޑަކާއި 12 ކްލާސްރޫމް އިތުރުކުރުމުގެ މަޝްރޫޢުއެއް ހިންގަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނޮޅިވަރަމަކީ ސިއްޙީ ދާއިރާގެ ތަރައްޤީއަށް ވަރަށް މުހިންމު ކަންތައްތަކެއް ކުރަން ޖެހިފައިވާ ރަށެއް ކަމަށާއި، ރިޔާސީ އިންތިޚާބުގައި އެކަންކަން ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާނެ ކަމަށެވެ.
ސިއްޙީ ޚިދުމަތްތައް ފުޅާކުރެއްވުން
މި އަހަރުތެރޭގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުއްވުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް އިޢުލާންކުރެއްވި އެވެ. އަދި އެ ހޮސްޕިޓަލްގެ މަސައްކަތް ނިމުމުގެ ކުރިން، ރަށުގައި މިހާރު ހުރި ސިއްޙީ މަރުކަޒަށް އެކްސްރޭގެ ޚިދުމަތާއި ދަތުގެ ފަރުވާގެ ޚިދުމަތް އިތުރުކުރައްވާނެ ކަމަށާއި، އެތެރެހަށީގެ ޚާއްސަ ޑޮކްޓަރެއް ބަހައްޓަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ތަޢުލީމީ ވަސީލަތްތައް އިތުރުކުރެއްވުން
ނޮޅިވަރަމުގެ ތަޢުލީމީ ދާއިރާއަށް އަމާޒުކޮށް، މިހާރު ފެށިފައިވާ މަލްޓިޕާޕަސް ހޯލުގެ މަޝްރޫޢު ފުޅާކުރައްވައި، މަދުވެގެން 12 ކްލާސްރޫމާއި ލައިބްރަރީއާއި ލެބޯޓަރީތައް އިތުރުކުރައްވާނެ ކަމަށް ރައީސް އިޢުލާންކުރެއްވި އެވެ. މި މަސައްކަތް ކުރާ އެމްޓީސީސީން އަވަސް ދުވެއްޔެއްގައި މަސައްކަތް ނިންމާނެ ކަމަށްވެސް ވިދާޅުވި އެވެ.
ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރެއްވުން
ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ނޮޅިވަރަމުގައި ފީފާ ސްޓޭންޑަޑްގެ ދަނޑަކާއި އިންޑޯ ކޮމްޕްލެކްސްއެއް ޤާއިމުކުރައްވާނެ ކަމަށް ރައީސް އިޢުލާންކުރެއްވި އެވެ. މި މަސައްކަތް ސްޕޯޓްސް މިނިސްޓްރީން ވަރަށް އަވަހަށް ފައްޓަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން، މިއަދު ފެށުނު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުއާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި ރަށް ގިރުން ހުއްޓުވުމުގެ މަޝްރޫޢުތައްވެސް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންގޮސް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

