ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތާ ގުޅުވައިގެން، ހއ. އުތީމުގައި ގިނަ ކުޅިވަރުތަކަކާއެކު ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. މި ހަރަކާތަކީ އުތީމު ކައުންސިލާއި، ދިވެހިރާއްޖޭގެ ދިފާޢީ ބާރު (އެމްއެންޑީއެފް) އާއި ނޮދަރން އޭރިއާ ފުލުހުންނާއި، ފެނަކަ ކޯޕަރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ކާމިޔާބު ހަރަކާތެކެވެ.
މި ހަވީރު ބައްލަވާލެއްވުމަށް، ދިވެހި ބަހާ ސަޤާފަތާ ތަރިކައާ ބެހޭ ވަޒީރު ޢާދަމް ނަސީރު އިބްރާޙީމް ވަނީ އުތީމަށް ޒިޔާރަތް ކުރައްވާފައެވެ. އެ މަނިކުފާނު ވަނީ މި ހަރަކާތުގެ ތެރެއިން ކުދިންނާއި ބެލެނިވެރިންނާ ބައްދަލުކުރައްވައި، ހަވީރުގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ކުޑަކުދިންގެ މި ހަވީރުގައި ވަނީ ދިވެހިންގެ ސަޤާފަތް ދައްކުވައިދޭ ތަފާތު ހުށައެޅުންތައް ހުށައަޅާފައެވެ. އަދި ދިވެހިންގެ އިހުގެ ދިރިއުޅުމާއި، އޭރު ކުޅެއުޅުނު ބައެއް ކުޅިވަރުތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް ކުދިންނަށް ވަނީ ލިބިގެން ގޮސްފައެވެ. މީގެ ސަބަބުން ކުދިންނަށް ދިވެހި ތާރީޚާއި ސަޤާފަތާ ގުޅުން ހޯދުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.
މި ހަވީރުގައި ކުޑަކުދިންގެ އެންމެ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވަނީ، ވޯޓަރ ތީމް ކުޅިވަރުތަކަށެވެ. އެގޮތުން “ފޯމް” ޕާޓީއާއި، ވޯޓަރ ސްލައިޑްގެ ކުޅިވަރުތައް ވަނީ ކުޑަކުދިންގެ މެދުގައި ވަރަށް މަޤްބޫލުވެފައެވެ. ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ހަރަކާތަށް ތުއްތު ކުދިންގެ ވަރަށް ބޮޑު ޝަޢުގުވެރިކަމެއް ވަނީ ލިބިގެންގޮސްފައެވެ.
މީގެ އިތުރުން ތަފާތު އެކި ކުޅިވަރުތައް ކުޅުމުގެ ފުރުޞަތުވެސް ކުޑަކުދިންނަށް ވަނީ ލިބިގެން ގޮސްފައެވެ. އެކި އުމުރުފުރާތަކުގެ ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް ހިމެނޭ ގޮތަށް އިންތިޒާމް ކުރެވިފައިވާ މި ހަވީރުގައި ތުއްތު ކުދިންނާއެކު އާއިލާތަކުންވެސް ވަނީ ހިއްސާވެފައެވެ. ހަވީރުގައި ބައިވެރިވި ކުދިންނަށް އުފާވެރިކަން ގެނެސްދިނުމުގެ ގޮތުން ހަދިޔާވެސް ވަނީ ބަހާފައެވެ.
ޤައުމީ ދުވަހުގެ އުފާވެރި މާހައުލެއްގައި އުތީމުގެ ކުޑަކުދިންނަށް އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމަށް މި ހަރަކާތް ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

