ދަނޑުވެރިކަން ކުރާ ރައްޔިތުންނަށް ފަސޭހަ ގޮތްތައް ހޯދައިދިނުމުގެ ގޮތުން، ހދ. ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް ޚާއްސަ ތަނެއް ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހދ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، އެ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހދ. ނޮޅިވަރަމް ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ، ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ. އަދި ނޮޅިވަރަމް ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާއެވެ.
ނޮޅިވަރަމަކީ ދަނޑުވެރިކަން ފުޅާދާއިރާއެއްގައި ކުރާ ރަށެއްކަމުން، އެ ރަށުން ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަޤްސަދަކީ ދަނޑުވެރިންނަށް ދިމާވާ ދަތިތައް ކުޑަކޮށް، ދަނޑުވެރިކަން އިތުރަށް ފުޅާކުރުމަށް މަގުފަހިކުރުމެވެ.
މި އެއްބަސްވުމުގެ ދަށުން ހދ. ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް ކައުންސިލްގެ ފަރާތުން ދައްކާ ބިމުގައި ފިހާރައެއް ހުޅުވުމަށް މިނިސްޓްރީގެ ފަރާތުން ބަޔަކު ހޯދައި، އެގްރީމަންޓް ހެދި އެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަނުން ވިއްކާ ތަކެއްޗަކީ ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އޮންނަ ތަކެތިތޯ ބެލުމާއެކު، ދަނޑުވެރިންނަށް ރަނގަޅު އަގެއްގައި ދަނޑުވެރިކަމުގެ ސާމާނު ވިއްކާތޯވެސް ބަލައި މޮނިޓާކުރާނެއެވެ. މި މަސައްކަތް ވޯކް ޕްލޭންނާ އެއްގޮތަށް ކުރިއަށް ދޭތޯ ބަލައި މޮނީޓާ ކުރާނީ ނޮޅިވަރަމް ކައުންސިލުންނެވެ. މިގޮތުން ނޮޅިވަރަމްގެ ދަނޑުވެރިންނަށް ފަސޭހަކަމާއެކު ދަނޑުވެރިކަމުގެ ސާމާނު ލިބޭނެ ގޮތްތައް ތަނަވަސްވެގެންދާނެއެވެ.

