ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމުގައި އިމާރާތްކުރާ ކައުންސިލް އިދާރާގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނު މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ. މި ރަސްމިއްޔާތުގައި އެރަށުގެ ކައުންސިލްގެ ރައީސްގެ އިތުރުން، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް އަދި އާރުސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ނޮޅިވަރަމު ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތަކީ، ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢެއްގެ ބައެކެވެ. މި މަޝްރޫޢުގެ ދަށުން، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތަކުގެ ޢިމާރާތްތައް އަލުން ތަރައްޤީކުރުމަށް ވަނީ ރޭވިފައެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރުމެވެ.
މި މަޝްރޫޢުގެ ދަށުން އަތޮޅުތެރޭގެ 55 ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް އާރުސީސީއާ ވަނީ ޙަވާލުކޮށްފައެވެ. ސިޓީތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، 631 މިލިޔަން ރުފިޔާގެ މި މަޝްރޫޢު ނިމޭއިރު، ކައުންސިލް އިދާރާގެ ގޯތީގެ ވަށާފާރު ރޭނުމާއި، އޮފީހަށް ބޭނުންވާ ފަރުނީޗަރުވެސް ހަމަޖެހިގެންދާނެއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ރަށްރަށުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ކައުންސިލްތަކުގެ ޚިދުމަތްތައް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

