ހއ. ނޮޅިވަރަމް ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ބޮޑު މަޝްރޫޢު، ދިވެހިރާއްޖޭގެ އެންމެ ބޮޑު ކޮންޓްރެކްޓިންގ ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަސައްކަތަކީ ނޮޅިވަރަމުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމާއި، ގޮނޑުދޮށަށް ކުރިމަތިވަމުންދާ ހިމާޔަތުގެ މައްސަލަތަކަށް ދެމިހުންނެނިވި ހައްލެއް ހޯދުމަށް ފަށާ މަޝްރޫޢެކެވެ.
މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. ނޮޅިވަރަމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާއެއްގެ ތެރެއިންނެވެ. އެއްބަސްވުމުގައި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ސޮއިކުރެއްވި އިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
މި މަޝްރޫޢުގެ ދަށުން، ނޮޅިވަރަމް ގޮނޑުދޮށް ޙިމާޔަތް ކުރުމަށްޓަކައި، 779 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 164 މީޓަރުގެ ބޮޑުހިލަ ގްރޮއިން (4 ވައި ގްރޮއިން) ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތަކުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ދެމިހުންނަނިވި ގޮތެއްގައި ހިމާޔަތްވެ، ރަށުގެ ރައްޔިތުންނަށް ދިރިއުޅުމަށް ފަސޭހަވެ، ރައްކާތެރިކަން އިތުރުވެގެންދާނެއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 52,955,804.16 (ފަންސާސް ދެމިލިއަން ނުވަސަތޭކަ ފަންސާސް ފަސްހާސް އަށްސަތޭކަ ހަތަރު ރުފިޔާ ސޯޅަ ލާރި) ރުފިޔާއަށް، 250 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މިފަދަ މަޝްރޫޢުތަކަކީ، ރަށްރަށުގެ ގުދުރަތީ ރީތިކަން ހިފެހެއްޓުމާއި، ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި މުހިންމު މަޝްރޫޢުތަކެކެވެ.

