ދިވެހި ފަތުރުވެރިކަމުގެ އިސް ވިޔަފާރިވެރިއެއް އަދި ކްރައުން ކުންފުނީގެ ބާނީންގެ ތެރެއިން ބޭފުޅެއް ކަމުގައިވާ ކެރެފާ އަބްދުލްޣަނީ މިއަދު ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި އަވަހާރަވެއްޖެ އެވެ. އަވަހާރަވިއިރު އޭނާގެ އުމުރުފުޅަކީ 86 އަހަރެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ނަމަކަށްވާ ޣަނީ އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކަމުގައިވާ ކްރައުން ކުންފުނި އުފެއްދެވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ހުޅުމާލޭގައި ހިންގާ ޓްރީޓޮޕް ހޮސްޕިޓަލްގެ ހިއްސާދާރެއްގެ ގޮތުގައި ވެސް އޭނާ ހަރަކާތްތެރިވެ ވަޑައިގަތެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބެއެއް ކަމަށްވާ ޣަނީގެ އަވަހާރައާ ގުޅިގެން ރައީސް ނަޝީދު އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓެއް ކުރައްވައި، “ކެރެފާ އަބްދުލްޣަނީ އަކީ ރާއްޖޭގައި އިލެކްޓްރިފިކޭޝަނާއި ޓޫރިޒަމާއި ވޮކޭޝަނަލް ޓީޗިން ފަދަ ދާއިރާތަކުގެ ނުހަނު ބޮޑު ހިދުމަތްތެރިއެއް” ކަމުގައި ފާހަގަކުރައްވާފައިވެ އެވެ.
ފާއިތުވި ދުވަސްތަކުގައި އާލާސްކަންފުޅާ އުޅުއްވި ޣަނީގެ ހިދުމަތްތަކުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރެއްވި މަސައްކަތްތަކާއި، ތައުލީމީ ދާއިރާއަށް ކޮށްދެއްވި ގިނަގުނަ ހިދުމަތްތައް ފާހަގަކޮށްލެވެ އެވެ. އަދި ރާއްޖޭގެ ކަރަންޓުގެ ހިދުމަތް ތަރައްގީ ކުރުމުގައި ވެސް އޭނާގެ އަގުހުރި ހިއްސާއެއް ވެ އެވެ.

