މި އަހަރުގެ ޖުލައި މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 93 މައްސަލައެއް ހުށަހެޅިފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 24 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 06 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 18 މައްސަލައެކެވެ.
ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވާ މައްސަލައަކީ ޖިސްމާނީ ހާނިއްކައިގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 21 މައްސަލައެއް ވަނީ ޖުލައި މަހު މި ވުޒާރާއަށް ހުށަހެޅިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 10 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 11 މައްސަލައެކެވެ.
ހަމައެހެންމެ، މީގެ ތެރޭގައި އިހުމާލުވުމުގެ 17 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 09 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ 08 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 06 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 03 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 02 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 01 މައްސަލަ، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 01 މައްސަލަ އަދި އެކިކަހަލަ ކުށްތަކަށް އަރައިގަންނަ ޖަމާޢަތުގައި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 01 މައްސަލަ ހިމެނެއެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ މައްސަލަތަކާއި ގުޅިގެން ޖުލައި މަހު މި ވުޒާރާއަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ އަންހެން ކުދިންނާއި ގުޅުންހުރި މައްސަލައެވެ. އެގޮތުން، އަންހެން ކުދިންގެ 56 މައްސަލަ ހުށަހެޅިފައިވާއިރު، ފިރިހެން ކުދިންގެ 37 މައްސަލައެއް ހުށަހެޅިފައިވެއެވެ.
ކުދިންގެ އަޚްލާގީ މައްސަލަތައް:
2025 ވަނަ އަހަރުގެ ޖުލައި މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންގެ އަޚްލާގީ މައްސަލަތަކާ ގުޅޭ 20 މައްސަލައެއް ހުށަހެޅިފައިވެއެވެ.

