މައުސޫމު ކުދިންގެ ހައްގުތަކަށް އަރައިގަތުމުން، އެ ކުދިން ތަހައްމަލު ކުރާ ވޭނުގެ މައްޗަށް ކިޑް ޕްރޮޑަކްޝަނާއި ސެޓާން ސްޓޫޑިއޯ އިން އުފައްދާފައިވާ ދިވެހި ފިލްމު “ކަނބުލޮ” ގައި ފެންނަ އަނިޔާވެރި ބައެއް ކަންކަން އަމިއްލަ ލައިފްގައި ވެސް ތަޖުރިބާ ކުރި ކަމަށް އެ ފިލްމުގެ ބަތަލާ މަރިޔަމް އައްޒަ ބުނެފިއެވެ.
ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ހިނގާ ތަރި އައްޒަ މިހެން ބުނެފައިވަނީ “ކަނބުލޮ” ފިލްމުގެ މޭކިންގައި ވާހަކަދައްކަމުންނެވެ.
އައްޒަ ވަރަށް އަސަރާއެކު ކިޔައިދިން މި ވާހަހަކޮޅާއެކު ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައީ ފިލްމުގެ ޓްރައިލާއިން ދައްކައިދޭ މަންޒަރު ތަކުންނެވެ.
މޭކިންގައި އައްޒަ ބުނެފައިވަނީ “މި ފިލްމަކީ ކުޑަ ކުއްޖެއްގެ ލައިފްގައި ވާން ނުޖެހޭ އެތައް ކަމެއް، އެތައް ގޮތަކަށްވަ ފިލްމެއް. މި ފިލްމަކީ އައްޒައަށް ވަރަށް ކްލޯސް ޓު ހާޓް ފިލްމެއް.” މިހެންނެވެ.
މިމަހުގެ 31، ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ޒުވާން އަންހެން ކުއްޖަކު އެޅި ވޭނާއި ކެކުޅުން އަދި އެކަމުން އަރައިގަންނަން ކުރި މަސައްކަތް ފެނިގެންދާނެއެވެ.
ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގެ އެއް ވަނަ އަށް ހޮވުނު “ޔުކްތާ” ވާހަކައިގެ މައްޗަށް ތައްޔާރުކުރާ ކަނބުލޮ ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާއެވެ.
މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. ފިލްމުގެ ޕްރޮޑިސަރަކީ ކަމަނަ ފިލްމުގެ އެއް ޕްރޮޑިއުސަރ އަލީ ޝާނިޒް މުހައްމަދެވެ.
ކަނބުލޮ ފިލްމް ރާއްޖޭގެ ހުރިހާ ރަށެއްގައި ބަލާނެ ކަމަށް ލަފާކުރެވެއެވެ.

