ހޯމް މިނިސްޓަރުގެ ކާރު ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދެވި ޕޮލިސް ސާޖެންޓް މުހައްމަދު އަރުޝަދު (37 އަހަރު) މިއަދު ހެނދުނު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަރުޝަދު ނިޔާވެފައިވަނީ ކުއްލި ގޮތަކަށް ނޭވާލާން ދަތިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔުމަށްފަހު، އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. އަރުޝަދުގެ ގާތް މީހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާގެ އެއްވެސް ސިއްހީ މައްސަލައެއް ހުރިކަން ކުރިން ފާހަގަވެފައެއް ނުވެއެވެ.
އަރުޝަދުގެ ހާދިސާ ހިނގި އިރު، އޭނާ މަސައްކަތްކުރައްވަމުން ގެންދެވި ހޯމް މިނިސްޓަރު އަލީ އިހުސާން ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ދަތުރުފުޅެއްގައެވެ.
އަރުޝަދު ނިޔާވުމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރަސްމީ ސޯޝަލް މީޑިއާ ހެންޑްލްތަކުން ވަނީ ތައުޒިޔާ ފާޅުކޮށްފައެވެ. އަދި އަރުޝަދުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކޮށްފައިވެއެވެ.
އަރުޝަދުގެ ކުއްލި ނިޔާއާ ގުޅިގެން ފުލުހުންގެ އާއިލާއާއި، ގިނަ އަދަދެއްގެ އާންމުން ވަނީ ހިތާމަ ފާޅުކޮށްފައެވެ.

