ޢުލީމީ ވުޒާރާއިން ދިރާސީ އަހަރެއްގައި ޚާއްސަ ހާލަތެއް ނެތި ދަރިވަރުން ސްކޫލް ބަދަލުކުރެވޭނެ އަދަދު ކަނޑައަޅައިފިއެވެ. މިހާރު ހާމަކޮށްފައިވާ އަންނަ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައި ހިމަނާފައިވާ މި ބަދަލާއެކު، ދިރާސީ އަހަރެއްގައި ދަރިވަރުންނަށް ސްކޫލް ބަދަލުކުރެވޭނީ ދެ ފަހަރުގެ މަތިންނެވެ. މީގެ ކުރިން ދަރިވަރުންނަށް ކޮންމެ ވަގުތެއްގައިވެސް ސްކޫލް ބަދަލުކުރުމުގެ ފުރުސަތު އޮތް ނަމަވެސް، މި ބަދަލުގެނެސްފައިވަނީ ދަރިވަރުންގެ އުނގެނުމަށް ފަސޭހަ ގޮތްތަކެއް ހޯދުމުގެ ގޮތުންނެވެ.
ތައުލީމީ ވުޒާރައިން ސްކޫލްތަކަށް ދަރިވަރުން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގެ އުޞޫލަށް ބަދަލުގެނެސް އަންނަ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައި ވަނީ ހިމަނާފައެވެ.
އެއް ސްކޫލްއިން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގެ އުޞޫލަށް ގެނައި ބަދަލާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވީ މީގެ ކުރިން ދިރާސީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ސްކޫލު ބަދަލުކުރުމުގެ ފުރުޞަތު އޮތްނަމަވެސް މިހާރު އެކަން ބަދަލުކޮށްފައިވާކަމަށެވެ.
އެގޮތުން އާންމު ޙާލަތުގައި ދަރިވަރުން ސްކޫލްތަކަށް ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި ދިރާސީ އަހަރުގެ 2 ފަހަރެއްގެ މަތިން އެކަން ކުރުމަށް ފުރުޞަތު ދިނުމަށް ނިންމާފައިވާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ ދިރާސީ އަހަރު ފެށެންވާއިރަށް ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރަން ބޭނުންވާކަމުގައި ވަނީނަމަ އެ ދިރާސީ އަަހަރުގެ ދެވަނަ ޓަރމު ނިމުމުގެ އެއް މަސްދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެކަމަށެވެ. ހަމަ އެގޮތަށް ދެވަނަ ޓަރމަށް ކުއްޖަކު ސްކޫލް ބަދަލުކުރަން ބޭނުންވާކަމުގައި ވަނީނަމަ ފުރަތަމަ ޓަރމް ނިމުމުގެ އެއް މަސްދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
“ދަރިވަރުން އެއް ސްކޫލްއިން އަނެއް ސްކޫލްއަށް ބަދަލުކުރުމުގައި ނިޒާމީ ގޮތެއްގައި ގެންގުޅެންޖެހޭ. ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ބަލާއިރުވެސް ދިރާސީ އަހަރުގެ ތެރޭގައި ކުދިން ކޮންމެ ކޮންމެ ވަގުތަކު ބަދަލުނުކުރެވޭ. އެބަހުރޭ ފޭސްތަކެއް ދީފައި. އަހަރުގެ ތެރޭ 3 ވަގުތެއްގައި ބަދަލުކުރޭވެފަދަ ގޮތަކަށް.” ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.
ބޭނުންވާ ކޮންމެ ވަގުތެއްގައި ސްކޫލް ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުުރމުގެ އުޞޫލަށް ބަދަލުގެނެސްފައިވަނީ ދަރިވަރުގެ އުނގެނުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުވުމުން އަންނާނެ ދަތިތައް ވީހާވެސް ބޮޑަށް ފަސޭހަކުރުމަށްކަމަށެވެ.
ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި ދިރާސީ އަހަރުގެ 2 ފަހަރަުގެ މަތިން ފުރުޞަތު ލިބޭ ގޮތް ހެދިނަމަވެސް ހައްސާސް ހާލަތްތެއް އައިސްފިނަމަ އެކަމެއް ބެލުމަށްފަހު ބަދަލުގެންނަން ޖެހޭކަމުގައި ވަނީނަމަ އެކަން ކޮށްދެއްވާނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ. އެހެންނަމަވެސް އެ ވުޒާރައިން ވަނީ ދަރިވަރުން ސްކޫލްއިން ބަދަލުކުރުމުގެ ކުރިން އެކަމަށް ދުރާލާ ތައްޔާރުވުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.
ދަރިވަރުން އެއް ސްކޫލްއިން އަނެއް ސްކޫލްއަށް ބަދަލުކުރުމަށް ވަކި މުއްދަތެއް ދިނުމަށް ނިންމާފައިވާއިރު އެ ވުޒާރާއިން ވަނީ އަލަށް ދަރިވަރުން ސްކޫލްއަށް ވެއްދުމުގައި ވެސް ވަކި މުއްދަތެއް ދިނުމަށް ނިންމާފައެވެ. ތައުލީމީ ވުޒާރާއިން މިހާރު އާންމުކޮށްފައިވާ އަންނަ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައި ވާގޮތުގެ އަލަށް ސްކޫލަށް ކުދިން ވެއްދުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 12 ޖުލައިން 31 އޯގަސްޓްއާ ހަމައަށެވެ. އަދި އެއް ސްކޫލްއިން އަނެއް ސްކޫލްއަށް ދަރިވަރުން ބަދަލުކުރެވޭނެ ފުރަތަމަ މަރުހަލާއެއްގެ ގޮތުގައި ހިމަނާފައިވަނީ މެއިމަހުގެ 17 އިން ޖޫން 15 ހަމައަށެވެ. އަދި ދެވަނަ މަރުހަލާއެއްގެ ގޮތުގައި ހިމާނާފައިވަނީ 18 އޮކްޓޫބަރުން 17 ނޮވްމެބަރާއި ދެމެދުގެ މުއްދަތެކެވެ.

