ހުންނަންޖެހޭ މިންވަރަށް ވުރެ “ބެންޒޮއިކް އެސިޑް” އިތުރުވުމުގެ ސަބަބުން، “ޑރ ޕެޕާ” ސޮފްޓް ޑްރިންކް ރާއްޖެއަށް އެތެރެ ނުކުރުމަށާއި، ނުވިއްކުމަށާއި އަދި ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ވަނީ އެދިފައެވެ. ރައްކާތެރިކަމުގެ ގޮތުން މި އުފެއްދުން ބާޒާރުން ނެގުމަށާއި، ވިއްކުން ހުއްޓާލުމަށާއި އަދި ނައްތާލުމަށްވެސް އެ އޮތޯރިޓީއިން ވަނީ އަންގާފައެވެ.
އެމްއެފްޑީއޭއިން ވިދާޅުވީ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި އުފައްދާފައިވާ ބުއިމެއް ކަމަށްވާ “ޑރ ޕެޕާ” ސޮފްޓް ޑްރިންކް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އެންގީ، އޭގައި ހުންނަންޖެހޭ މިންވަރަށް ވުރެ “ބެންޒޮއިކް އެސިޑް” އިތުރުވުމުގެ ސަބަބުން ކަމަށެވެ. މިއީ ސިއްޙަތަށް ނުރައްކާތެރިވެދާނެ ކަމަށް ބެލެވޭ ކަމަކަށްވާތީ، މި އުފެއްދުން ބާޒާރުން ނެގުމަށާއި، ނުވިއްކުމަށާއި، އަދި ރައްކާތެރިކަމާއެކު ނައްތާލުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.
މި އުފެއްދުން ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މަޢުލޫމާތު، ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް (RASFF) މެދުވެރިކޮށް އެ އޮތޯރިޓީއަށް ހިއްސާކޮށްފައިވާ ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ. އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި އުފެއްދުން ދިވެހިރާއްޖެއަށް އެތެރެ ނުކުރުމަށާއި، ނުވިއްކުމަށާއި، އަދި ބޭނުންނުކުރުމަށް އެމްއެފްޑީއޭއިން ދިވެހި ރައްޔިތުންނަށް ވަނީ އިލްތިމާސްކޮފައެވެ. މިގޮތުން، މި އުފެއްދުމުގެ ވިއްކުން ހުއްޓާލުމަށާއި، ބާޒާރުގައި ހުރި ތަކެތި ނެގުމަށްވެސް އެ އޮތޯރިޓީއިން ވަނީ އިލްތިމާސްކޮފައެވެ.

