ހދ. ވައިކަރަދޫ ބަނދަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު، ދިވެހިރާއްޖޭގެ އެންމެ ބޮޑު ކޮންޓްރެކްޓިންގ ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައިކަރަދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އެމްޓީސީސީން ވިދާޅުވީ، މަޝްރޫޢުގެ ދަށުން 2،700 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 366 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއްލުމާއި، 74 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމާއި، 60 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. މި މަސައްކަތަށް 34 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށާއި، މަސައްކަތް ހަވާލުކޮށްފައިވަނީ 330 ދުވަސްތެރޭގައި ނިންމާ ގޮތަށް ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
ވައިކަރަދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތާ ގުޅޭގޮތުން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރަށުގެ ބަނދަރަށް އިތުރު ބަދަލު ގެނެސް، މިހާރު ހުރި މައްސަލަތައް ހައްލުކުރުމަށް ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން، ރައްޔިތުން ބޭނުންވާ ގޮތަށް ހުރިހާ މައްސަލައެއް ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި މި މަޝްރޫޢާއެކު ރަށުގައި މޫދަށް އެރޭނެ ތަނެއް ތަރައްޤީކޮށްދެއްވާނެ ކަމަށާއި، ފަތާ ޓްރެކެއްވެސް ރަށުގައި ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވިއެވެ.

