ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހދ. ނޭކުރެންދޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެ ރަށުގެ ތަރައްގީއަށް އަމާޒުކޮށް އިތުރު ގިނަ މަޝްރޫއުތަކެއްގެ ބިންގާ އަޅުއްވައިފުއެވެ.
މިއަދު ނޭކުރެންދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވުމަށް ފަހު ރައީސް މުޢިއްޒު ވަނީ، އޭޓީއެމްގައި ބޭނުންކުރެއްވި ކާޑު އެ ރަށު ކައުންސިލަށް ހަދިޔާކުރައްވާފައެވެ. މިއީ ރަށުގެ ރައްޔިތުންނަށް ފައިސާގެ މުޢާމަލާތްތައް ކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ފެށިފައިވާ ޚިދުމަތެކެވެ.
މީގެ އިތުރުން، ނޭކުރެންދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރެވޭ ބައިގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތުވެސް މިއަދު ވަނީ ބާއްވާފައެވެ. މި ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނަޖާހު އާއި މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަފީގު އަދި ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖެވެ. މި މަޝްރޫޢުގެ ސަބަބުން ރަށުގެ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ކުޅިވަރަށް ހިތްވަރުދިނުމުގެ ގޮތުން ނޭކުރެންދޫގައި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއްގެ ބިންގާ މިއަދު އަޅާފައިވާއިރު، މި ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު އާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލައްމާނެވެ. އަދި ހަމަ އެދުވަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ނޭކުރެންދޫގައި އަލަށް ތަރައްޤީކުރެވުނު ހޭންޑްބޯލް ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.
މީގެއިތުރުން، ނޭކުރެންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ބޭއްވެވި ބައްދަލުވުމުގައި ވަނީ ނޭކުރެންދޫ ސްވިމިންގ ޕޫލް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި މަޝްރޫއުތަކަކީ ނޭކުރެންދޫގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ކުޅިވަރުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢުތަކެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

