ހުއްދަ ނެތި ރާއްޖެއަށް ދެ ވައްތަރެއްގެ ވަޅި އެތެރެކުރުން މަނާކުރުމުގެ ގަވާއިދަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފަށައިފިއެވެ. މި ގަވާއިދުގެ ދަށުން ފްލިކް ނައިފް އާއި ބަޓަފްލައި ނައިފް ރާއްޖެއަށް އެތެރެކުރެވޭނީ ދާހިލީ ކަންކަމާއި ބެހޭ ވުޒާރާގެ ހުއްދަ ލިބިގެންނެވެ. މިއީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އެކުލަވާލެވިފައިވާ ބިލެއްގެ ދަށުން ހެދިފައިވާ ގަވާއިދެކެވެ.
ދާހިލީ ކަންކަމާއި ބެހޭ ވުޒާރާއިން މިކަން މަނާކޮށްފައިވަނީ “ރާއްޖެއަށް ފްލިކް ނައިފް އާއި ބަޓަފްލައި ނައިފް އެތެރެކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު” ގެ ދަށުންނެވެ. މި ގަވާއިދުގައި ވަނީ މި ދެ ވައްތަރުގެ ވަޅި ރާއްޖެއަށް އެތެރެކުރުމުގައި އަމަލުކުރަންވީ ގޮތާއި، އެފަދަ ވަޅިތައް އެތެރެކުރާ ފަރާތްތަކުގެ ރެކޯޑް ބަލަހައްޓާނެ ގޮތްތައްވެސް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައެވެ.
މި ގަވާއިދަކީ، މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވި “ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލް” ގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ. ބިލަށް އަމަލުކުރަން ފެށީ އިއްޔެއިން ފެށިގެންނެވެ.
ގަވާއިދުގައި ފްލިކް ނައިފްގެ ތަޢާރަފް ދެމުން ބުނެފައިވަނީ، އެއީ ވަޅީގެ ތިލަ މުއްގަނޑުގެ ތެރެއަށް ލައްވާލާފައި ލައްޕާލެވޭ ގޮތަށް ނުވަތަ މުއްގަނޑުގެ ތެރެއަށް ވަދެގެންދާ ގޮތަށް ހުރެފައި، ވަޅީގެ މުއްގަނޑުގައިވާ ގޮބަކަށް ނުވަތަ ތަނަކަށް ފިތާލުމުން އޭގެ އެހީގައި ވަޅީގެ ތިލަ ނުކުންނަ ގޮތަށް ހަދާފައިވާ ކޮންމެ ވަޅިއެކެވެ. ބަޓަފްލައި ނައިފްއަކީ، ވަޅީގައި ދެ މުއްގަނޑެއް ހުރެފައި އަދި ވަޅީގެ ބުޑުގައިވާ ހުޅަކުން މި ދެ މުއްގަނޑު އެނބުރޭ ގޮތަށް ހުރެފައި، ވަޅީގެ ދެ މުއްގަނޑުގެ ތެރޭގައިވާ ޖާގައިގެ ތެރޭގައި ވަޅީގެ ތިލަ ފޮރުވޭ ގޮތަށް ހަދާފައިވާ ކޮންމެ ވަޅިއެކެވެ.
މި ބާވަތުގެ ވަޅިތައް ރާއްޖެއަށް އެތެރެކުރެވޭނީ ދާހިލީ ވުޒާރާގެ ހުއްދަ ލިބިގެން ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. މި ހުއްދަ ހޯދުމަށްޓަކައި 1000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ. ވަޅި އެތެރެކުރުމަށް އެދޭތާ 15 ދުވަހުގެ ތެރޭގައި އެ ވުޒާރާއިން ވަކި ގޮތެއް އަންގާނެ ކަމަށްވެސް ގަވާއިދުގައި ވެއެވެ.
ގަވާއިދުގައިވާ ގޮތުން، ހުއްދަ ނެތި މި ތަކެތި ރާއްޖެއަށް އެތެރެކޮށްފިނަމަ، އެ ތަކެތި ހިފެހެއްޓުމުގެ ބާރު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބިގެންވެއެވެ. އަދި މިފަދަ މައްސަލަތައް ބެލުމަށް ފުލުހުންގެ އިދާރާއަށް ފޮނުވޭނެއެވެ. ހުއްދަ ނެތި އެތެރެކޮށްފައިވާ އެއްޗެއް ފުލުހުންނަށް ފެނިއްޖެނަމަ، އެ ފަރާތެއް ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.މު މަޝްރޫޢުތަކެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

