ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނު މިހާރު ކުރިއަށް ގެންދަވާ ތިލަދުންމަތީ ދެކުނުބުރީ (ހއ. އަތޮޅު) ދަތުރުފުޅުގެ ތެރެއިން، ހއ. ނޭކުރެންދޫގައި އަލަށް ޢިމާރާތްކުރި ހޭންޑްބޯޅަ ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މިކަމުގެ ސަބަބުން އެރަށުގެ ކުޅިވަރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ހޭންޑްބޯޅައަށް ފޯރިގަދަ ރައްޔިތުންނަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް ލަފާކުރެވެއެވެ.
މި ހޭންޑްބޯޅަ ކޯޓު ހުޅުވުމަށްޓަކައި ނޭކުރެންދޫގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކުޅިވަރު، ޒުވާނުން އަދި މަސްތުވާތަކެތިކޮންޓްރޯލް ކުރުމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި، ސަރުކާރުގެ ބައެއް އިސްވެރިންގެ އިތުރުން ނޭކުރެންދޫ ކައުންސިލްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަނޑަކީ ސަރުކާރުގެ ފަރާތުން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ގާތްގަނޑަކަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވުނު މަޝްރޫއެކެވެ. މި މަޝްރޫޢާއެކު، ނޭކުރެންދޫގެ ކުޅިވަރު ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުންމީދުކުރެވެއެވެ.
ނޭކުރެންދޫގެ ކުޅިވަރު ތަރައްގީއަށް މިލިބުނު އައު ކުރިއެރުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެރަށު ކައުންސިލުގެ ރައީސް އަލީ ސިރާޖް ވިދާޅުވީ އެރަށަކީ ހޭންޑްބޯޅައަށް ފޯރިދޭ ރައްޔިތަކު ދިރިއުޅޭ ރަށެއްކަމަށެވެ. އަދި ހޭންޑްބޯޅަ މުބާރާތްތައްވެސް ކޮންމެ އަހަރަކުހެން ބޭއްވޭއިރު، މިހުޅުވުނު އައު ކޯޓާއެކު ކުޅުންތެރިންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސިރާޖް އިތުރަށް ވިދާޅުވީ، “މި ކޯޓުގެ ސަބަބުން ކުރިން އުފުލި ބުރަތައް ފަސޭހަވެގެން ހިނގައްޖެ. ރާއްޖޭގެ އެހެން ހިސާބުތަކުގައި އޮންނަ މުބާރާތްތަކުންވެސް ދެން މިރަށުގެ ކުދިން ފެނުން އުންމީދަކީ. މިކޯޓަކީ ރަށަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް އަދި އުންމީދެއް. އުންމީދަކީ މިކޯޓުގެ ބޭނުންހިފާ ރަށުން މޮޅެތި ކުދިންތަކެއް އުފެދިގެން ދިއުން” މިހެންނެވެ.
ކައުންސިލުގެ ރައީސް ވިދާޅުވީ މިހުޅުވުނު އައު ކޯޓާއެކު ގިނަ އުންމީދުތަކެއް އައުވެއްޖެކަމަށެވެ. މިގޮތުން ރަށުގެ ކުޅުންތެރިން އެހެނިހެން ރަށްރަށުގައި ބާއްވާ މުބާރާތްތަކުގައި ވާދަކުރުމަށް މިފުރުސަތުގެ ބޭނުންހިފާނެކަމަށް އޭނާ ގަބޫކުރައްވައެވެ. އައު ކޯޓާއެކު މުބާރާތްތަކަށް ފަރިތަކުރުމުގެ އިންތިޒާމު ފަސޭހަވެއްޖެކަމަށާ، މި ކޯޓުގެ ސަބަބުން އެރަށުން އުންމީދީ އައު ކުޅުންތެރިން އުފެދިގެންދާނެކަމަށް ސިރާޖު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ރާއްޖޭގައި މިހާރުވެސް ދަނީ ކުޅިވަރުގެ ގިނަގުނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ހިނގަމުންނެވެ. އޭގެ ތެރެއިން ބައެއް މަސައްކަތްތައް ނިމިފައިވާއިރު ދެން ހުރި މަޝްރޫޢުތަކުގެ މަސައްކަތްވެސް ހަލުވިދުވެލީގައި ކުރިއަށް އެބަދެއެވެ.

