ހދ. ނޭކުރެންދޫގައި ޖަލެއް ހެދުމަށް 15 އަހަރު ކުރިން ސަރުކާރުން ދޫކޮށްފައިވާ ބިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަކަށް ނޭކުރެންދޫ ކައުންސިލާއި މިއަދު ހަވާލުކޮށްފިއެވެ. މި ބިން ކައުންސިލާ ހަވާލުކުރީ ރަށަށް އިގްތިސާދީ ގޮތުން ފައިދާވާނެ ގޮތަކަށް ބޭނުންކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ނޭކުރެންދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެއަށްފަހު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރަށަށް އަދި ރައްޔިތުންނަށް މަންފާ ހޯދައިދިނުމަށްޓަކައި، އެރަށުގައި ޖަލެއް ހަދަން ދޫކޮށްފައިވާ ބިން މިހާރު ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ބިމުން ނަފާ ހޯދޭނެ ގޮތެއް ހޯދައި ކައުންސިލުން ލޭންޑްޔޫސް ޕްލޭނެއް އެކުލަވާލުމުން ސަރުކާރުން އެކަމަށް އެއްބާރުލުން ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“ކުރީގައި ޖަލެއް ހަދަން އޮތް ބިން މިހާރު ވާނީ ކައުންސިލާއި އަނބުރާ ހަވާލުކޮށްފަ. އެއީ އަޅުގަނޑު ވައުދުވެފައި އޮންނާނެ އެތަން އިގްތިސާދީ ގޮތުން ރަށަށް ފައިދާ ހުރި ގޮތަކަށް ބޭނުން ކުރުމުގެ ފުރުސަތު ދޭނެ ކަމަށް އެގޮތަށް ފަހިކޮށްދޭނެ ކަމަށް،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
ނޭކުރެންދޫގައި އަޅަން ނިންމި ޖަލަކީ ރާއްޖޭގެ އުތުރުގައި އަޅަން ނިންމި ފުރަތަމަ ޖަލެވެ. އެގޮތުން 2010 ވަނަ އަހަރު މިކަމަށް ބޭނުންވާ 21 ހެކްޓަރުގެ ބިން ސާފުކޮށް، ރުއް ގަހަށް ބަދަލު ވެސް ދީފައިވެއެވެ. ނަމަވެސް މަސައްކަތް ފެށިފައި ނުވެއެވެ. 2022 ވަނަ އަހަރު ސަރުކާރުން ޔުނިކް ޗޮއިސް ޕްރައިވެޓު ލިމިޓެޑް ކިޔާ ކުންފުންޏަކާ މި މަސައްކަތް ހަވާލުކުރިއެވެ. ނޭކުރެންދޫގައި އަޅަން ނިންމާފައިވަނީ 300 މީހުންގެ ލުއި ޖަލެކެވެ.
މީގެ އިތުރުން 2020 ވަނަ އަހަރު، އޭރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އެތަނަށް ބަދަލުކުރެވޭ ފަރާތްތަށް ރިހިބިލިޓޭޓް ކުރުމަށް ވޮކޭޝަނަލް ޓްރެއިނިންގް ދިނުމުގެ އިންތިޒާމް ހަމަޖެހޭ ފަދަ ގޮތަކަށް ޖަލު ބިނާ ކުރުމަށްޓަކައި ޔުނައިޓެޑް ނޭޝަން އޮފިސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ އެހީތެރިކަމާއެކު އެ ޖަލުގެ ކޮންސެޕްޓު އެއްކޮށް ފައިނަލް ކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.
ނަމަވެސް، މި ޖަލުގެ މަސައްކަތް ފެށުމުގައި ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވެއެވެ. 2015، 2016، 2017 އަދި 2018 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ނޭކުރެންދޫގައި ޖަލެއް އަޅަން ބަޖެޓު ކޮށްފައިވާނެއެވެ. އެހެންނަމަވެސް، މި މަސައްކަތް އެއްވެސް ފަހަރަކު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ނޭކުރެންދޫގެ އިތުރުން ކ. ކާށިދޫގައި ވެސް 600 މީހުންގެ ޖާގައިގެ ލުއި ޖަލެއް އަޅަން މީގެ ކުރިން ތިން އަހަރަކު ބަޖެޓު ކޮށްފައިވެއެވެ. އެކަމަކު އެ މަސައްކަތް ވެސް މިހާތަނަށް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

