ގއ ކަނޑުހުޅުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ 2025 ގެ ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ގައުމީ ލެޖެންޑުންގެ ޓީމެއް ހިމެނޭހެން ފުޓްސަލް މެޗެއް ކުޅުމަށް ހަމަޖެހިއްޖެއެވެ.
އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ފިއެސްޓާގައި ޖުމްލަ 10 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެއީ ފުޓްސަލް 6 ޓީމާއި ވޮލީ 4 ޓީމެވެ. މުބާރާތުގެ ގުރުއަތުލުން 27 އޯގަސްޓްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ވޮލީ އަދި ފުޓްސަލް ވެސް ފެށުމަށް ހަމަޖެހިފައިވަނީ 29 އޯގަސްޓުގައެވެ.
މި ފިއެސްޓާ ރާވައި ހިންގުމާއިއެކު ހޯސްޓު ކުރުމަށް އާރްޑީ ސްޕޯޓްސް ކުލަބާއި ކައުންސިލުން ވަނީ ހަވާލުކޮށްފައި ވާއިރު ފުޓްސަލްގައި ރަށުން ބޭރުން ގއ ގެމަނަފުށި ފެލްކޯނިއާ، ހޫ އެސްސީ، ޓީމާއި ގއ ކޮނޑޭ ރެމްޕޭޖް ވަނީ ބައިވެރިވެފައި ވާއިރު، ކަންމަތި ސްޕޯޓްސް ކުލަބު، އެފްސީ އެސްޕާޑާ، ރުއްގަނޑާ އެފްސީ އަކީ މި ފިއެސްޓާގެ ފުޓްސަލްގައި ވާދަކުރާ ޓީމްތަކެވެ. ވޮލީ މުބާރާތުގެ ފުރުސަތު ހުޅުވާލީ އެ ރަށުގެ މުވައްސަސާތަކަށެވެ. އެއީ ކަނޑުހުޅުދޫ ކައުންސިލް، ހެލްތް ސެންޓަރ، ކަނޑުހުޅުދޫ ސްކޫލްގެ އިތުރުން ފެނަކަ ކަނޑުހުޅުދޫ ބްރާންޗެވެ. ވޮލީ މުބާރާތުގައި ބައިވެރިވެފައިވަނީ މި 4 ޓީމެވެ.
މި ފިއެސްޓަރ ހޯސްޓުކުރާ އާރްޑީ ސްޕޯޓްސް ކުލަބުން ހުވަދޫ އަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ، މި ފިއެސްޓާ ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖޭގެ ކުރީގެ ގައުމީ ފުޓްބޯޅަ ލެޖެންޑުން ކަނޑުހުޅުދޫއަށް އަންނާނެ ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު ( ދަގަނޑޭ ) އިމްރާން މުހައްމަދު، މުހައްމަދު އުމައިރު، އަލީ ޝިޔާމް ( ހުރާ އައްޔަ ) އަލީ އިބްރާހިމް ( ކައްޕި ) އަދި ކަނޑުހުޅުދޫއަށް އުފަން ފަރީދު މުހައްމަދު ( ފަރިއްޓޭ ) ހިމެނޭކަމަށް އާރްޑީ އިން މައުލޫމާތު ދީފައިވެއެވެ. މިއާއިއެކު މި ކުޅުންތެރިންގެ ކުޅުމާއި ހުނަރު، އަދި ތަޖުރިބާ ރަށުގެ ރައްޔިތުންނާއިއެކު ހިއްސާ ވެގެން ދިއުމަކީ މި ފިއެސްޓާ ހޯސްޓުކުރާ ކުލަބުގެ ހައިސިއްޔަތުން ވަރަށް ފަޚުރުވެރިވާ ކަމެއްކަމަށް އާރްޑީ އިން ބުނެއެވެ. ވަކިން ހާއްސަކޮށް ކަނޑުހުޅުދޫގެ އުފަން ކުރީގެ ގައުމީ ޓީމު ކުޅުންތެރިޔާ ފަރީދު މުހައްމަދުގެ އަގު ވަޒަންކޮށް މި ޝަރަފުގައި ކަނޑުހުޅުދޫގެ ފުޓްބޯޅަ ޝަހުސިއްޔަތު ބައިވެގެން ދިއުމަކީ އިތުރަށް ހާއްސަވާ ކަމެއްކަމަށެވެ.
އަޝްފާގު، އިމްރާންމެން ފަދަ ކުޅުންތެރިންނަކީ މިއަދު ގައުމުގެ ފުޓްބޯޅަ ލެޖެންޑުން. ކުޑަކުދިންނާއި ބޮޑެތި މީހުން އެންމެ ސަޕޯޓްކުރާ ކުޅުންތެރިން. މިކުޅުންތެރިންނާއިއެކު ފޮޓޯނަގައި، އޮޓޯ ގްރާޕް ނަގަން ބޭނުންވާ އެތައް ކުދިންނެއް، އެތައް ސަޕޯޓަރުން ތިބޭނެ. އިރާދަކުރެއްވިއްޔާ އެފުރުސަތު ހޯދައިދޭންނަ- އާރްޑީގެ ޖެނަރަލް ސެކްރަޓަރީ އައިމަން
މި ފިއެސްޓާއާއި ގުޅިގެން ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ތޯރިގު އަފީފް ހުވަދޫ އަށް ވިދާޅުވީ، މިއީ ކަނޑުހުޅުދޫ ކައުންސިލުން ރަށުގެ ދެ ޖިންސުގެ ޒުވާނުންނަށާއި އަވަށްޓެރި ރަށްތަކަށް ހުޅުވާލި ފުރުސަތެއް ކަމަށެވެ. އަދި މިމުބާރާތުގެ ސަބަބުން ރަށުގެ ކުޅިވަރުގެ ރޫހު އިތުރަށް ވަރުފަދަވެ މުޅިން އާ ތަރިންނެއް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މި ފަދަ ކަންކަމަށް ޒުވާނުންނާއިއެކު އަބަދުވެސް ކައުންސިލް އޮންނާނެ ކަމަށާއި މި ފިއެސްޓާއަކީ ފުރިހަމަ ފޯރިގަދަ އަދި ކުލަގަދަ ފިއެސްޓާއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ފިއެސްޓާގެ ފުޓްސަލް ޗެމްޕިއަންޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކައުންސިލުން ހުށައަޅާފައިވާއިރު ވޮލީ ޗެމްޕިއަންޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ. މިއީ މިހާތަނަށް ކަނޑުހުޅުދޫގައި ބާއްވާ އެންމެ އަގުބޮޑު ކުޅިވަރު ފިއެސްޓާއެވެ.

