ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެކެވެ.
ކުޅުދުއްފުށީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު ސަޢީދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ރިޝްވާންއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަތޮޅު ތެރޭގައި ވިޔަފާރިތައް ކުރިއެރުވުމާއި ދަތުރުފަތުރާއި މުދާ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ތަޞައްވުރުގެ ދަށުން، ކުޅުދުއްފުށި ވިޔަފާރި ބަނދަރުން ކުރިން ނުލިބޭ މުހިންމު ޚިދުމަތްތަކެއްވެސް ވަނީ މިއަދު އިފްތިތާހުކޮށްފައެވެ. މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އިޤްތިޞާދީ ވަޒީރެވެ.
ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ކުޅުދުއްފުށި ވިޔަފާރި ބަނދަރުން ފެށި 4 ޚިދުމަތްތަކަކީ:
- ޑިއުޓީ ފްރީ ބޮންޑެޑް ޒޯނުގެ ޚިދުމަތް
- ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތް
- ހިލަ އަދި ހިލަވެލި ސްޓޯރޭޖްގެ ޚިދުމަތް
- ޑޮމެސްޓިކް ކީގެ ޚިދުމަތް
ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު އެމްޕީއެލްއާ ހަވާލުކުރެވުމަކީ ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން މުދާ އުފުލާނެ ނިޒާމެއް ޤާއިމްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. ސަރުކާރުގެ އަމާޒަކީ އަތޮޅުތަކުގެ ސަޕްލައި ޗެއިންގެ އެފިޝިއެންސީ އިތުރުކޮށް، މުދާ ގެނައުމުގައި ކުރަންޖެހޭ ޚަރަދު ކުޑަކޮށް، ހެޔޮ އަގެއްގައި އަތޮޅުތަކަށް މުދާ އެތެރެކުރުމެވެ. މިކަމުން ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަރައިގެން ދިއުމަށް ފަހި ފުރުސަތެއް ވެގެންދާނެކަމަށްވެސް ސަރުކާރުން ފާހަގަކުރައްވައެވެ.

