މާލެ އަތޮޅު ތުލުސްދޫ ކައިރިން ދަތުރުކުރަމުންދިޔަ ދޯންޏެއް ބަންޑުންޖަހާލުމުގެ ސަބަބުން މީހަކު މަރުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ “ލިއޯ” ނަމަކަށް ކިޔާ ދޯންޏަކަށެވެ. މި ދޯނީގައި ޖުމްލަ 6 މީހުން ދަތުރުކުރަމުން ދިޔައިރު، އޭގެ ތެރެއިން އެއް މީހަކު ގެއްލިގެން ހޯދަން ޖެހުނެވެ.
ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ މާލެ އޭރިއާ ސެކަންޑް ސްކޮޑްރޮންގެ އިތުރުން ތުލުސްދޫގެ ރައްޔިތުން ވެސް ބައިވެރިވިއެވެ. އަދި ހޯދުމުގެ މަސައްކަތުގައި އުޅުނު ތުލުސްދޫގެ ބަޔަކަށް ވަނީ އޭނާގެ ހަށިގަނޑު މަރުވެފައި އޮއްވާ ފެނިފައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާރު ވަނީ މަރުވެފައިވާ ފަރާތުގެ ހަށިގަނޑު ނަގާފައެވެ. ނަމަވެސް މަރުވި ފަރާތުގެ އެއްވެސް މައުލޫމާތެއް މިވަގުތާ ހަމައަށް ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް ކަމާބެހޭ އިދާރާތަކުން ބަލަމުންދާކަން ފާހަގަކުރެވެއެވެ.

