ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުއިދިނުމުގެ ގޮތުން، އެސިޓީގައި 2000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމާއި، މީގެކުރިން ހުއްޓިފައިހުރި 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް އެޗްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ، ކުޅުދުއްފުށި ސިޓީގައެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއާއި އެޗްޑީސީއާ ދެމެދުގައެވެ. މި ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ. ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހެއިރެވެ.
މި މަޝްރޫޢާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ޢިއުލާންކުރައްވާފައިވާ 2000 ހައުސިންގ ޔުނިޓުގެ ތެރެއިން 700 ޔުނިޓު ތަރައްޤީކުރާނީ އަމިއްލަ ގޯތީގައި ގެދޮރު ތަރައްޤީކޮށްދޭނެ ފަދަ ސްކީމެއްގެ ދަށުންކަމަށެވެ. އަދި ބާކީ 1300 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްގެންދާނީ ޕަބްލިކް ހައުސިންގެ ތެރެއިންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 700 ޔުނިޓު މިހާއްސަކުރަނީ އަމިއްލަ ގޯތީގައި ގެއަޅަން ބޭނުންވާ ފަރާތްތަކަށް ކަމަށާއި، ކޮންމެ ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓެއް ކަމަށެވެ. “އަޅުގަނޑު ޤަބޫލުކުރަނީ މިގޮތަށް 700 ޔުނިޓު ތަރައްޤީކުރަން ނިންމުމުން ވަރަށް ގިނަ ބަޔަކަށް ފާއިދާވާނެކަމަށް. އަމިއްލައަށް ބޭންކުން ލޯނުނަގައިގެން ގެއަޅަން، އުޅެ ނުވެފައި ތިބެދާނެ. އަދި މިކަމުގެ ތެރެއިން މިކަން ހަމަޖެހިގެންދިޔުމުން ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ.” ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ތެރޭގައި 700 ހައުސިންގއަށް ކުރިމަތިލާން އެދޭ ފަރާތްތައް ދެނެގަނެ، އެކަން އިމާރާތްކުރުމާއި ބެހޭ ވުޒާރާއާއި އެޗްޑީސީއާއި ހިއްސާކޮށް ގުޅިގެން މަސައްކަތް ބާރަށް ކުރިއަށް ގެންދިޔުމަށް އެދިވަޑައިގެންފައެވެ.
ކުޅުދުއްފުށީގައި މީގެކުރިން ފެށި 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ކުންފުނިކަމުގައިވާ ޓުވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއި ހަވާލުކޮށްގެން ފެށި މި މަސައްކަތް ވަނީ ވަކި ހިސާބަކުން ހުއްޓިފައެވެ. މިހާރު މިމަސައްކަތްވެސް އެޗްޑީސީއާ ހަވާލުކުރުމާއެކު އަލުން ކުރިއަށްގެންދެވޭނެއެވެ.
ކުޅުދުއްފުށީގައި ހައުސިންގ ސްކީމަށް ހުޅުވާލުމުން 2023 ވަނަ އަހަރު 1200 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ. އެހެންކަމުން، 2000 ހައުސިންގ ޔުނިޓުގެ މަސައްކަތާއެކު ކުޅުދުއްފުށީ ސިޓީގެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

