ރައްޔިތުންގެ މަޖުލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެސްޓު ހައުސް “ކަޒާމިއާ” ގައި އަލިފާން ރޯކުރި މައްސަލައިގައި ޖާބިރު ރާއްޖޭގެ ކަމާބެހޭ އިދާރާތަކަށް އިންޒާރެއް ދީފިއެވެ.
ޖާބިރު ވިދާޅުވީ މިމައްސަލަ ތަހުޤީގުކޮށް ޤާނޫން ތަންފީޒު ނުކުރާނަމަ 1500 މީހުންނާއެކު މަތިވެރިއަށް އަރާނެ ކަމަށާއި ބަޔަކު ނުކުމެ އެތަން ސުންނާފަތި ކުރަމުންދާ މަންޒަރު ބަލަން ނުހުންނާނެ ކަމަށެވެ.
“އަޅުގަނޑު އިންޒާރު ދެން، ގާނޫނު ތަންފީޒު ނުކުރެވެންޏާ، އަޅުގަނޑުމެން 1500 މީހުން ގޮވައިގެން މަތިވެރިއަށް އަރަން ޖެހިދާނެ ކަމަށް ގާނޫނު ތަންފީޒު ކުރަން،” ޖާބިރު ވިދާޅުވިއެވެ.
ގެސްޓު ހައުސް (ކަޒާމިއާ) ހުޅުވަން ހުރިހާ ތައްޔާރިތައް ވުމަށްފަހު އެތަނަށް ވަނީ އިއްޔެ ކަރަންޓުވެސް ދީފައެވެ. އެހެންނަމަވެސް ރޭގެ ވަގުތެއްގައި ބަޔަކު ވަނީ އެގެސްޓު ހައުސްއަށް ކަރަންޓުދޭ އިމާރާތުގައި އަލިފާން ރޯކޮށްފައެވެ.
މީގެ ކުރިންވެސް ޖާބިރު އެރަށަށް އަރަން އުޅުމުން އެރަށު ބަޔަކު ނުކުމެ ވަނީ ޖާބިރުއަށް ހަމަލާދީފައެވެ. އަދި މީގެ ދެދުވަސްކުރިން ޖާބިރު ވަނީ މަތިވެރީ މީހަކު ރަހީނުކުރުމަށްފަހު އަނިޔާކޮށްފައެވެ. މަތިވެރީ މީހުން ވަނީ ޖާބިރުގެ ޝަކުވާ އެރަށު ކައުންސިލަށްވެސް ހުށަހަޅާފައެވެ. ޖާބިރު އެރަށުތެރޭ ހަޑިހުތުރު ބަހުން މީހުންނާއި ދިމާލަށް އެއްޗެހި ގޮވަމުންދާތީ އާއި އެރަށު މީހަކަށް އަނިޔާ ކުރި މައްސަލައިގެ ޝަކުވާއެވެ.
ކަޒާމިއާ ގެސްޓު ހައުސްއަކީ 25 މިލިޔަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެއް ކަމުން މިމައްސަލައިގައި ޤާނޫނު ތަންފީޒު ނުވާނަމަ ހޯމް މިނިސްޓަ އަދި ޑިފެންސް މިނިސްޓަރވެސް އިސްތިއުފާ ދެއްވުމަށް ޖާބިރު ވަނީ ގޮވާލާފައެވެ.
“އަޅުގަނޑު އެދެނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ވެސް، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް ވެސް، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއަށް ވެސް ގާނޫނު ތަންފީޒު ކުރައްވާށޭ، ނޫން ނަމަ އިސްތިއުފާ ދެއްވާށޭ،” ޖާބިރު ވިދާޅުވިއެވެ.

